މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމަށާއި މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

ފުލުހުން ބުނީ މި ފިޔަވަޅުތައް އެޅުމަށް ނިންމާފައި ވަނީ ސެންޓްރަލް ޕޮލިސިން ކޮމާންޑް އާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއާ ފުލުހުންނާ އެކު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި ކަމަށެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ބޭއްވި މި ބައްދަލުވުމުގައި ވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށް، މުހިންމު ނިންމެވުންތަކެއް ނިންމާފަ އެވެ. އެގޮތުން ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ ސައްވީސް ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކޮށް ބެލެހެއްޓުމަށާއި އަތޮޅުތެރޭގެ ރަށްރަށަށް ލަފާ ފުރާ އުޅަނދުތަކާއި، ބަނދަރުކޮށްފައި އޮންނަ އުޅަނދު ފަހަރުން ރަށްރަށަށް ބާލާ ތަކެތި މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓިގެން ދައުރުކުރެވޭ ތަކެތި ކަމުގައި ހެދުމަށް ނިންމާފަ އެވެ.

އޭގެއިތުރުން މި ބައްދަލުކުރެއްވުމުގައި ވަނީ މާލޭގެ ޓްރެފިކް ބެލެއްހެއްޓުމާ ގުޅޭގޮތުން މަޝްވަރާކުރެވި، މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި ފުލުހުން އިތުރަށް މަގުތަކަށް ނެރެ، ސްކޫލު، ހޮސްޕިޓަލް އަދި މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ޓްރެފިކް ތޮއްޖެހޭ ސަރަހައްދުތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށްވެސް ނިންމާފަ އެވެ.

މި ނިންމުންތައް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެޅުމަށް ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.