ރައްޔިތުންގެ މަޖިލިހުގެ ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމާއި މަޖިލިހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކުރިއަށް 20 ވަނަ މަޖިލިހުގައި ވާދަނުކުރެއްވުމަށް ނިންމަވައިފި އެވެ.

އަލްހާން މީގެކުރިން ވަނީ މަޖިލިހުގެ ކާށިދޫ ދާއިރާ އަށް ވާޑަކުރައްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ. އެކަމަކު، އަލްހާން ވަނީ އެ ނިންމުން ފަހުން ބަދަލު ކުރައްވައިފަ އެވެ.

ވިސާމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިހުގެ ގަމު ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ލ. ގަމާއި ކ. މުންޑޫ އަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ދާއިރާގެ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

"މިދިޔަ ފަސް އަހަރުގެ ތެރޭގައި ދާއިރާގެ ރައްޔިތުންނާ ގާތުން ރަށްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް އުންމީދުކުރަން. މި ފުރުސަތުގައި އަޅުގަނޑަށް މިކަމުގައި އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން އިހުލާސްތެރި ޝުކުރު އަދާކުރަން." ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ މި އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރެއްވި ނަމަވެސް ރައްޔިތުންނަށާއި އެމްޑީޕީ އަށް ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އަލްހާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކާށިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަން ހުށަހަޅައި އެކަން އިއުލާން ކުރުމުން އޭނާގެ ކުންފުނި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް އާ ރިމަތިވި މައްސަލަ އާ ގުޅިގެން އެ ކުންފުންޏަކީ މުއާމަލާތު ކުރި ބައެއް ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ މުއާމަލާތްތައް ނުނިމި ހުރުމުގެ ސަބަބުން އެފަދަ ބައެއް ފަރާތްތަކުން މަޖިލިހުގެ ރައީސް ގޮނޑިއަށް ކުރިމަތިލުމާ މެދު ފާޑު ކިޔަމުން އަންނަ ކަމަށެވެ.

"އެ މުއާމަލާތާއި ގުޅިގެން ކުންފުނިން އަދާކުރަންޖެހޭ ޒިންމާތައް ނުނިންމާ، މިފަދަ އިންތިހާބެއްގައި ވާދަކުރުމަކީ ހިތަށް އެހާ ފަސޭހަ ކަމަކަށް ނުވީތީ، އަޅުގަނޑުގެ ނަން އަނބުރާ ގެންނަ ވާހަކަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ނުހަނު ހިތާމައާއިއެކު ދެންނެވީމެވެ،" އަލްހާންގެ މެސެޖްގައިވެ އެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް އުފައްދައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި އެ ކުންފުނީގެ ބޯޑު މެމްބަރު ކަން ވެސް ކުރައްވާ އަލްހާންގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާކުރީ އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ކަމަށެވެ. އެއިން ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރަން ފޮނުވާފައިވެ އެވެ.