އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު، މާލެ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަން ހައްލުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގުޅިފަޅާއި އުތުރުތިލަފަޅުގެ އިތުރުން ރަސް މާލެއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އޮތް ދާއިމީ ހައްލު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެތަންނަނުން ގޯތި ދިނުމަށްފަހު ކުޑަ އިންޓްރަސްޓް ރޭޓެއްގައި ގެދޮރު އެޅުމަށް ބޭނުންވާ ލުއި ލޯނު ރައްޔިތުންނަށް ދޭނެ ކަމަށެވެ. އަދި އެއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލުކުރަން އެމަނިކުފާނު ވިދާޅުވާ ހައްލު ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ 100 ޕަސެންޓް ޔަގީންކަން މިދެނީ މާލެއަކު ނުހުންނާނެ ގެދޮރުގެ މައްސަލަ ހައްލުނުވާ އެކަކު ވެސް މި ފަސް އަހަރު ނިމޭއިރު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު މިއޮތީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށާއި އެކަން ކުރުމަށްޓަކައި ސަރުކާރަށް އެއްބާރުލުން ދޭ މޭޔަރަކު ހުރުން މުހިންމު ކަމަށެވެ.

މިރޭގެ ޖަލްސާގައި ވަނީ މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބައެއް ކައުންސިލަރުން ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ.