ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ފޮރިން މިނިސްޓްރީގެ ރަސްމީ ވެބްސައިޓުތައް ޑައުންވެއްޖެ އެވެ.

އެ ދެ ވެބްސައިޑް ޑައުންވެފައިވާތީ އާންމުންނަށް އެ ސައިޓްތަކަށް ނުވަދެވެ އެވެ.

އެ ދެ ވެބްސައިޓަށް ނުވަދެވޭ މައްސަލައާ ގުޅިގެން ސަރުކާރުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ. ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނާގޮތުގައި މިއީ ސައިބާ ހަމަލާއެއްގެ ސަބަބުން ހިނގި ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުގެ ހަބަރުތަކުގެ އިތުރުން މިނިސްޓަރު ފެންވަރުން ފެށިގެން ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމްތަކަށް އައްޔަން ކުރައްވާ އެންމެންގެ މައުލޫމާތު ވެސް ރައީސް އޮފީހުގެ ވެބްސައިޓުން ލިބެ އެވެ. އެ ވެބްސައިޓުން އިނގިރޭސި އަދި ދިވެހި ބަހުން ވެސް މައުލޫމާތު ގެނެސްދެ އެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް މުހިންމު މައުލޫމާތުތައް ފޮރިން މިނިސްޓްރީ ވެބްސައިޓުން ލިބެ އެވެ.

މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓަށް ވެސް ނުވަދެވެ އެވެ. އެކަމާ ގުޅިގެން އެ މިނިސްޓްރީން ވެސް ވަކިއެއްޗެއް ނުބުނެ އެވެ.