ދުވާލަކު 8،000 ޑޯޒް ވެކްސިން ދެވޭނެ ކެޕޭސިޓީ އެބަހުރި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްނިއުސްއިން ގެނެސްދިން ރިޔާސީބަޔާން ކަވަރޭޖްގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖެހުމާއެކު ދުވާލެއްގެ މައްޗަށް ވެކްސިން ދެވޭ މީހުންގެ ނިސްބަތް މިހާރަށް ވުރެ އިތުރުވާނެ ކަމަށެވެ. އެގޮތުން މިވަގުތު ވެސް ދުވާލެއްގެ މައްޗަށް 8،000 ވެކްސިން ޑޯޒް ދެވޭނެ ކެޕޭސިޓީ އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އުފާވެރި ޚަބަރަކީ އަޅުގަނޑުމެންނަށް އެއްވެސް މެދުކެނޑުމެއްނެތި ވެކްސިން ލިބޭނެކަން އިރާދަކުރެއްވިއްޔާ. އަދި ކުރިއަށް އޮތް ފަސް މަހުގެ ތެރޭގައި މުޅި އާބާދީއަށް ވެކްސިން ދެވޭނެ. އަޅުގަނޑުމެންގެ ކެޕޭސިޓީ އެބަހުރި ދުވާލެއްގެ މައްޗަށް 8،000 ޑޯޒްގެ ވެކްސިންދޭން،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުވާލަކު 8،000 ޑޯޒުގެ ވެކްސިން ދެވެން ފެށުމުން ގާތްގަނޑަކަށް ފަސް މަސްދުވަހުގެ ތެރޭގައި އާބާދީގައި ވެކްސިން ދޭންޖެހޭ ހުރިހާ ފަރާތަކަށް ވެކްސިންދީ ނިމޭނެ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ވެކްސިން މެދުކެނޑުމެއްނެތި ލިބޭނެ ކަމަށް ވެސް ހެލްތު ނަސީމް ވިދާޅުވި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި މިވަގުތު ދެނީ ކޮވިޝީލްޑް ވެކްސިނެވެ. މި ގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިފަހުން މިހާތަނަށް 4،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. މީގެ ތެރޭގައި ކޮވިޑާ ދެކޮޅަށް ކުރީސަފުގައި ޙަރަކާތްތެރިވާ މީހުންނާއި ސަރުކާރުގެ އިސްވެރިންނާއި އުމުރުން 55 އަހަރުން މަތީގެ މީހުން ހިމެނެ އެވެ. މިވަގުތު ރާއްޖޭގައި ވެކްސިން ދެމުން އަންނަނީ މާލޭގެ ހަ ސެންޓަރަކާއި އަތޮޅު ތެރޭގެ ހަތް ސެންޓަރެއްގަ އެވެ.