ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ސްކޫލުތަކުގައި މިއަދު ފަށައިފި އެވެ.

ސްކޫލުތަކުގެ ކިޔެވުން މިއަދު ފެށީ ސަރުކާރުން ކުރިން އިއުލާންކުރި ގޮތަށް ގައުމީ ސަލާމުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި ހިނގަމުންދާ ދިރާސީ އަހަރުގެ ކިޔެވުން ފެށީ 84،000 ދަރިވަރުންނާ އެކު އެވެ. އެގޮތުން ސަރުކާރުގެ 216 ސްކޫލެއްގައި 73،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރެ އެވެ. މީގެތެރެއިން 25،000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލެ ސަރަހައްދުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނެވެ.

އެއް ދަންފަޅިއަށް ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ސިޔާސަތުގެ ދަށުން ދިރާސީ އަހަރާ އެކު 156 ސްކޫލެއްގައި އެގޮތައް ކިޔަވައިދޭން ފަށާފައިވެ އެވެ. އަދި ސެޓްލައިޓް ސްކޫލް ނިޒާމަށް ހަ ސްކޫލެއްގައި ކިޔަވައިދެމުން ވެސް އެބަދެ އެވެ.

ހިނގަމުންދާ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 6 ވަނަ ދުވަހު އެވެ.

މަޖީދިއްޔާ ސްކޫލުގެ މިއަދުގެ އެސެމްބުލީ

ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފެށިފައިވާއިރު އެޑިއުކެޝަން މިނިސްޓްރު ޝަފީއު ވިދާޅުވީ، ސަރުކާރުން ރޯދަމަހުގެ ފަހު 10 ބަންދުކުރަން ނިންމުމާ ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބަދަލު އަންނާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސްޕަލުންނާ ބައްދަލުކޮށް ކަލަންޑަރަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ 2025 ވަނަ އަހަރުން ފެށިގެން ކުރިން އޮތް ގޮތަށް ޖެނުއަރީ މަހުގެ ތެރޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ގޮތަށް ވެސް ނިންމަވައިފަ އެވެ.