ކަރަންޓު ކޭބަލްތައް ބުރިބުރިކޮށްގެން ވަގަށް ނެގުމާއި އަލަށް އިމާރާތްކުރާ ތަންތަނުންގެ ކަރަންޓު ވަޔަރިން ބުރިކޮށް ވަގަށް ގެންދިއުމަކީ މިހާރު ވަރަށް ގިނައިން ކުރަމުން އަންނަކަމެކެވެ.

ކަރަންޓު ކޭބަލްތައް ބުރިބުރިކޮށް ވަގަށް ނަގަނީ ހަމަ އެންމެ ބޭނުމެއްގަ އެވެ. އެއީ އޭގައި ހިމެނޭ ކޮޕަ ނުވަތަ ލޮއި ވިއްކާށެވެ. ރާއްޖޭގައި ސްކްރެޕް މެޓަލް އެކްސްޕޯޓުކުރާ ފަރާތްތަކުން އެންމެ އަގުބޮޑުކޮށް ގަންނަ މައުދަނަކީ ލޮއި އެވެ. ސާފުކޮށްފައި ހުންނަ ލޮއި ކިލޯއެއް 95ރ. އަށް ގަނެ އެވެ. އަދި ސާފުނުކުރާ ލޮއި ކިލޯއެއް 80ރ. އަށް ގަނެ އެވެ.

ކަރަންޓު ވަޔަރުގައި ހިމެނޭ ލޮއި ވިއްކުމަށް ވަޔަރުތައް ބުރިބުރިކޮށް ގެންދިއުމުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށާއި އިމާރާތްކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

ކުނީގެ ގޮތުގައި އުކާލެވޭ މައުދަނު ނުވަތަ ސްކްރެޕް މެޓަލްގެ ގޮތުގައި އަހަރަކު 30،000 މެޓްރިކް ޓަނު ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކުރެވެ އެވެ. ރާއްޖޭން ބޭރަށް އެކްސްޕޯޓުކުރެވޭ ސްކްރެޕް މެޓަލްގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދަނގަޑެވެ. ނަމަވެސް އެލްމީނިއަމް އަދި ލޮއި މަދުން ނަމަވެސް ހިމެނެ އެވެ. އާންމުކޮށް މިބާވަތްތައް އެކްސްޕޯޓުކުރަނީ އަވަށްޓެރި އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްއަށެވެ. އަދި މި ވިޔަފާރީގެ ނަފާއެއްގެ ގޮތުގައި އަހަރަކު 40 މިލިއަން ޑޮލަރު ރާއްޖެއަށް ލިބޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ކަރަންޓު ކޭބަލްތަކެއް ބުރިކޮށްލާފައި. ލޮއި ވިއްކަން ކޭބަލްތައް ވަގަށް ނެގުން ވަނީ އާއްމު ކަމަކަށް ވެފައި.

ގާތްގަނޑަކަށް 80ރ. ހޯދުމަށް ގެއެއްގެ ވަޔަރު ކޮށާލުމުން ނުވަތަ މަގުމަތީ ހުންނަ ޑިސްޓްރިބިއުޝަން ފޮއްޓެއްގެ ކޭބަލް ބުރިކޮށްލުމުން އެކަން ރަނގަޅުކުރުމަށް ލައްކައިން ހޭދަކުރަން ޖެހެ އެވެ. މިކަން މިގޮތަށް ކުރުމަށް މަގުފަހިވެފައިވާ އެންމެ ބޮޑު އެއް ސަބަބަކީ ސްކްރެޕް މެޓަލްގެ ގޮތުގައި ރާއްޖެއިން ބޭރަށް ލޮއި އެކްސްޕޯޓު ކުރެވޭތީ އެ މާކެޓް ރާއްޖޭގައި އުފެދިފައިވާ ކަމެވެ.

ރާއްޖެއަކީ ލޮއި އުފައްދާ ގައުމަކަށްނުވާއިރު، ރާއްޖޭން އެކްސްޕޯޓުކުރާ ލޮއިއަކީ މިގޮތަށް އެތައް ބަޔަކަށް ގެއްލުންދީ ވައްކަންކޮށްގެން ހޯދާފައި ހުންނަ ލޮއި ކަމުގައިވަނީ ނަމަ މިއެކްސްޕޯޓުގެ ސަބަބުން ލިބޭ ފައިދާ އަށް ވުރެ، ލިބޭ ގެއްލުން އެތައް ގުނައެއް ބޮޑުވެގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ވީއިރު ރާއްޖޭން އެކްސްޕޯޓު ކުރުން ހުއްދަކުރާ ސްކްރެޕް މެޓަލްގެ ތެރޭގައި ލޮއި އެކްސްޕޯޓުކުރުން ހުއްޓުވިއްޖެނަމަ މިހާރު މިލިބޭ ގެއްލުން ނިމުމަކަށް އަންނާނެކަން ޔަގީނެވެ.