ދިވެހި ޚާރިޖިއްޔާ ނުވަތަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިމާރާތަށް ނަމެއްދީ، އަލްމަރްޙޫމް ފަތުޙުﷲ ޖަމީލްގެ ހަނދާނަށް ޚާއްސަކޮށްފި އެވެ. ޚާރިޖިއްޔާ ހިންގަމުން އަންނ ޢިމާރާތުގެ މަރާމާތަށް އެހެން ތަނަކަށް ބަދަލުވެ މިހާރު ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު އެ ޢިމާރާތުގެ ނަން ވަނީ "ފަތުޙުﷲ ޖަމީލް ބިލްޑިން"ގެ ނަމަށް ބަދަލުކޮށްފަ އެވެ.

މަރްހޫމް ފަތުޙުﷲ ޖަމީލަކީ ދިވެހި ތާރީޚުގައި އެންމެ ގިނަ ދުވަހު ޚާރިޖިއްޔާ ހިންގެވި ވަޒީރެވެ. އެގޮތުން އެމަނިކުފާނު 27 އަހަރު ޚާރިޖީ ވަޒީރުކަމުގެ މަގާމު އަދާކުރެއްވި އެވެ. ރައީސް އިބްރާހީމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އެ ވަޒީރު ކަމުގައި ހުންނެވި އެވެ. ވަޒީރުކަމުގެ ވަކިވެވަޑައިގަތީ 2005 ވަނަ އަހަރު އެވެ.

ފޮރިން މިނިސްޓްރީ ހިންގާ ބިލްޑިންގްގެ ބޭރުގައި ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލުގެ ނަން މިއަދު ޖަހާފައި.

ދިވެހި ޚާރިޖިއްޔާ ހިނގަމުންއައި އިމާރާތަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކޮށްފައިވާ ތަނެކެވެ. އެ އިމާރާތުގެ ޖާގައިގެ ދަތިކަމުންނާއި އަދި ބައެއް ކަހަލަ މަރާމާތުތައް ކުރުމަށްޓަކައި އެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުން ފެއްޓެވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ މަސައްކަތް ނިމެންދެން އެ ވުޒާރާ މިހާރު ބަދަލުކޮށްފައިވަނީ ފެރީ ޓާމިނަލް ކައިރީގައި ހުންނަ އެމްޓީސީސީގެ އިމާރާތަކަށެވެ.

ފޮރިން މިނިސްޓްރީ ހިންގާ ބިލްޑިންގްގެ ބޭރުގައި ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލުގެ ނަން މިއަދު ޖަހާފައި.

ޚާރިޖިއްޔާ ހިންގާ ޢިމާރާތަށް ނަމެއް ދީފައިވާއިރު ދާދިފަހުން ސަރުކާރުންވަނީ އައިފާން ބިލްޑިންގެ ނަން ވެސް ބަދަލުކޮށްފަ އެވެ. އެ ބިލްޑިންގަށް މިހާރު ކިޔަނީ އެފްއެސްއެމް ބިލްޑިން އެވެ. އަދި ކުރީ ސަރުކާރުން ސަލްޓަން ޕާކްގެ ނަން ރަސްރަނި ބަގީޗާއަށް ބަދަލުކޮށް ޕާކް ތަރައްޤީކޮށްފައިވަނިކޮށް މިސަރުކާރުން ވަނީ އަލުން ސަލްޓަން ޕާކްގެ ނަމަށް ބަދަލުކޮށްފަ އެވެ.