އުފުލެމުން އަންނަ ކުލީގެ އަގުތަކަކީ މިއަދު ދިވެހިންނަށްވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލަ އެކެވެ. ދިވެހިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މި މައްސަލަ ދަނީ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންނެވެ.

ކަން މިހެން އޮތް ނަމަވެސް ކުލި ހިފެހެއްޓިފައިވާ ސަރަހައްދުތައް ދުނިޔޭގައި މަދުން ނަމަވެސް ވާކަން ފާހަގަ ކޮށްލަން ޖެހެ އެވެ. މިފަހަރު މިއޮތީ އެފަދަ ތަނެއްގެ ވާހަކަ އެކެވެ. އެއީ ޖަރުމަނުގެ ކުޑަ އަވަށެއް ކަމަށްވާ "ފުގޭރޯ" އެވެ.

ޖަރުމަނުގެ އޯގްސްބާގްގެ އެ އަވަށުގައި ދިރިއުޅުމަށްޓަކައި އަހަރަކު ދައްކަން ޖެހެނީ ހަމަ އެންމެ ޑޮލަރެކެވެ. މިއީ މީގެ 500 އަހަރު ކުރިން އެ އަވަށުގައި ހެދިފައި އޮތް ހައުސން ސްކީމެއްގެ ދަށުން ނަގާ ކުއްޔެކެވެ.

އެ އަގަށް ފުގޭރޯ އަވަށުން 45 އަކަމީޓަރާއި 65 އަކަމީޓަރާ ދެމެދުގެ ހެޔޮވަރުގެ ގެއެއް ހުރިހާ ޚިދުމަތްތަކާއެކު ކުއްޔަށް ލިބެން ހުރެ އެވެ.

މި އަވަށަކީ ދުނިޔޭގައި އެންމެ ކުލި ކުޑަ އަވަށަށް ވާއިރު އެ އަވަށުގައި ވަޒަންވެރި ވުމަކީ މާ ފަސޭހަ ކަމަކަށް ނުވެ އެވެ. އެ ކަމަށްޓަކައި ހަރުކަށި ގަވާއިދުތަކެއް ހެދިފައިވެ އެވެ.

އެގޮތުން މިތަނުގައި އުޅެވޭނީ އޯގްސްބާގްގައި މަދުވެގެން ދެ އަހަރު އުޅެފައިވާ ފަގީރުންގެ ގޮތުގައި ހިމެނޭ ނަސާރާއިން އެކަންޏަށެވެ.

މި ސަބަބަށްޓަކައި އެ އަވަށުގެ އާބާދީ ނިސްބަތުން ކުޑައިރު އެ އަވަށަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް ވަރަށް މަދުކަން ފާހަގަކުރެވެ އެވެ.