ހަދަމުންދާ ރިސޯޓަކަށް ދަތުރުގޮސް އުޅެނިކޮށް ބޮލަށް ކޮންކްރީޓް ޝީޓެއްގެ ބައެއް ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ކުއްޖާއަށް އިތުރު ފަރުވާދިނުމަށް މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

ގދ. ގައްދޫ، ބުލްބުލާގެ އިރުމަތީބައި، މުހައްމަދު ފިރުޝާން 17، މާލެ ގެނައީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި އިއްޔެ އެޑްމިޓްކޮށްގެން ފަރުވާދިނުމަށްފަހު އެވެ.

އެ ކުއްޖާއަށް އަނިޔާވެފައި ވަނީ ކުރިން ރިސޯޓެއް ހެދުމުގެ މަސައްކަތްކޮށް، މަސައްކަތް ހުއްޓާލާފައި އޮންނަތާ އަހަރުތަކެއް ވެފައިވާ ގދ. ލޮނަދޫ ހުއްޓާ ނަމަކަށް ކިޔާ ފަޅުރަށަކަށް ގޮސް އުޅުމުގެ ތެރޭގަ އެވެ.

ލޮނަދޫ ހުއްޓާގައި ޖަހާގައިވާ ތަނބުތަކެއް

ފަސްވަރަކަށް ކުދިން އެ ރަށަށް ގޮސް ޖެހި ސަކަރާތުގެ ތެރޭގައި ކޮންކްރީޓް ޝީޓެއް ވެއްޓި ފިރުޝާންއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު އަދި އެހެން ކުއްޖަކަށް ވެސް ވަނީ އަނިޔާވެފަ އެވެ. ނަމަވެސް އެ ކުއްޖާއަށް ސީރިއަސް އަނިޔާއެއްވެފައި ނުވެ އެވެ.

އިއްޔެ ހެނދުނު 8:30 ހާއިރު ލޮނަދޫ ހުއްޓާގައި ހިނގި މި ހާދިސާގައި އެ ކުއްޖާއަށް އަނިޔާވެ، ފުލުހުންނާ ގުޅިގެން ގދ. ގައްދޫ ސިއްހީ މަރުކަޒަށް އެކުއްޖާ ގެންދިޔައިރު ހޭހުރި ކަމަށްވެ އެވެ. ނަމަވެސް ސިއްހީ މަރުކަޒުގައި ފަރުވާދެވޭވަރަށް ވުރެ ހާލު ދެރަވުމުން އެކުއްޖާ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ ހެނދުނު 10:30 ހާއިރު އެވެ.

މި ހާދިސާގައި ފިރުޝާންގެ ބޯ ފަޅައިގެންގޮސް އަނިޔާވެފައިވާއިރު ތިންތަނަކުން ފައި ބިނދިފައިވެ އެވެ. އަދި ފުންނާބު ޗަސްވެ، މޭކަށިގަނޑާއި އަތް ވެސް ވަނީ ބިންދައިގެން ގޮސްފަ އެވެ.

ގދ ގައްދޫގެ ކައުންސިލް މެމްބަރު މުހައްމަދު ލަބީބް ވިދާޅުވި ގޮތުގައި، ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮޕްރޭޝަންކޮށް އެ ކުއްޖާގެ ފައިގެ ތިންތަނަކަށް މިހާރު ވަނީ ދަގަނޑު ލައްވާފަ އެވެ. އަދި ވެންޓިލޭޓަރުގައި ބާއްވައިގެން އެ ކުއްޖާއަށް ފަރުވާދެމުންދާތީ، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ތިނަދޫއިން ފަރުވާދެއްވި ޑޮކްޓަރު ނިންމެވީ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

ފިރުޝާންއަށް އަނިޔާވެފައިވަނީ ސީލިންގެއް ވެއްޓިގެން ކަމަށް ގިނަ ނޫސްތަކަކުން ރިޕޯޓްކޮށްފައި ވިޔަސް އެއީ ރަނގަޅު ގޮތެއް ނޫނެވެ. އެ ކުއްޖާއަށް އަނިޔާ ވެފައިވަނީ ކޮންކްރީޓް ޝީޓެއް ވެއްޓިގެން ކަމަށް ގދ ގައްދޫން "ހުރިހާ" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ލޮނަދޫ ހުއްޓާގެ މަންޒަރުތަކެއް

ގދ. ލޮނަދޫ ހުއްޓާއަކީ މީގެ އަހަރުތަކެއް ކުރިން ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތްކުރި، ނަމަވެސް ވަކި ހިސާބަކުން މަސައްކަތް ހުއްޓި، މިހާރު ވަރަށް ބޮޑަށް ވީރާނާވެފައިވާ ރަށެކެވެ. އެރަށުގެ މިހާރުގެ ހާލަތު ހުރިގޮތުން، ދަތުރު ދިއުން ފަދަ ކަންކަމަށް އެރަށަށް ދިއުމުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދެ އެވެ.

އެ ރަށުގައި ހަދާފައިވާ ފާލަމާއި، އިމާރަތްކުރުމަށް ޖަހާފައިވާ ތަނބުތަކާއި، ދަގަނޑުތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި އެ ރަށް ބަލަހައްޓާނެ ބަޔަކު ނެތުމުން ގިނަ އަދަދެއްގެ ބަޔަކު އެ ރަށަށް ދަތުރު ގޮސް އުޅެ އެވެ.