ކުޑަ ކުއްޖަކަށް ތަކުރާރުކޮށް ޖިސްމާނީ އަނިޔާ ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ މާލެ އަށް އުފަން 41 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ. މި މީހާގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި ކަމުގެ ތުހުމަތެވެ.

މި މީހާގެ ބަންދު އަމުރުގައި ބުނެފައިވާގޮތުން ފެމެލީ ކޯޓުން އޭނާގެ މައްޗަށް ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެފައިވެ އެވެ. އަދި އަމުރާއި ހިލާފު ކަންތައްތަކެއް ކުރެވުނު ކަމަށް ޝަރީއަތުގައި އޭނާ ވަނީ އެއްބަސްވެފަ އެވެ.

ބަންދު އަމުރުގައި ވަނީ މި ހާދިސާއާ ގުޅިގެން އެ ދުވަހު ތިން ފަހަރެއްގެ މަތިން ފުލުހުން އޭނާއާ ވާހަކަ ދައްކައި، އެގޮތަށް އަމަލު ނުބެހެއްޓުމަށް ނަސޭހަތް ދީފައިވާ ކަަމަށާއި، އޭގެ ފަހުން އިތުރަށް ތަކުރާރު ކުރުމުން ހައްޔަރު ކުރީ ކަމަށެވެ.