ފުވައްމުލަކުގައި ކަރަންޓު ދޭން ބޭނުންކުރާ ޖަނަރޭޓަރު ސެޓެއް ހަލާކުވެ، ކޮންމެ ދުވަހަކު އެއްގަޑިއިރަށް ކަރަންޓު ކަނޑަން ފަށައިފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗުން މިމަހުގެ 11 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ކަރަންޓު ހިދުމަތް ދޭން ބޭނުންކުރާ އެއް ޖަނަރޭޓަރު ސެޓް ހަލާކުވެ، ލޯޑުމަތިވުމުން އެ ރަށުގެ އެކި ސަރަހައްދުތަކުން ކޮންމެ ދުވަހަކު އެއް ގަޑިރަށް ކަރަންޓު ކަނޑަން ޖެހިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުވަންދެން ކޮންހެން ބޭނުންކުރަން ނުޖެހޭ ކަރަންޓު ސާމާނު މިވަގުތު ބޭނުން ނުކުރަން އެ ބްރާންޗުން އެދިފައިވެ އެވެ.

އާބާދީގައި 14،00 އެއްހާ މީހުން ހިމެނޭ ފުވައްމުލަކުގައި ކަރަންޓު ދޭން ބަހައްޓާފައިވާ ޖަނަރޭޓަރުތަކުން އެ ރަށުގެ ޑިމާންޑާ އެއްވަރަށް 6،800 ކިލޯވޮޓްގެ ކަރަންޓު އުފެއްދެ އެވެ. ނަމަވެސް އެއް ޖަނަރޭޓަރު ސެޓު ހަލާކުވުމުން އެ ކެޕޭސިޓީ 4،100 ކިލޯ ވޮޓަށް ދަށްވެފަ އެވެ.

https://www.facebook.com/photo?fbid=851283116796753&set=a.551368490121552

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެއް ޖަނަރޭޓަރު ސެޓް ހަލާކުވެފައި ހުންނަތާ ތިން ހަފުތާ ވަނީ ވެފަ އެވެ. އަދި މި މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ގދ. ގައްދޫގައި ހުރި ޖަނަރޭޓަރެއް ފުވައްމުލަކަށް ގެންދަން އުޅުމުން އެ ރަށުގެ ރައްޔިތުން ވަނީ ހުރަސް އަޅައި އެކަން ހުއްޓުވައިފަ އެވެ. އެހެންވެ ފެނަކަ ކޯޕަރޭޝަނަށް ވަނީ ފުވައްމުލަކުގެ ކަރަންޓު ކެނޑޭ މައްސަލައަށް އިތުރު ހައްލެއް ހޯދޭނެ ގޮތެއް ނުވެފަ އެވެ.

ފުވައްމުލަކުގައި ކަރަންޓު ކަނޑަން ޖެހޭ މައްސަލައަށް ހައްލެއް ނުހޯދޭތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ރަށުން ކޮންމެ ދުވަހަކު ކަނޑަމުން އަންނަތާ އެތައް ދުވަހެއް ވީއިރު އެ މައްސަލައަށް އެއްވެސް ހައްލެއް ނުލިބުމަކީ ސަރުކާރުން ލަދުގަންނަން ޖެހޭނެ މައްސަލައެއް ކަމަށެވެ.

"މިރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ދެނެހުރި ވެރިއެއް މި ސަރުކާރުގައި ނެތް. އެކަމަކު މި ރަށުގެ ވަޒީރެއް ނެތް ނަމަވެސް ސްޓޭޓް މިނިސްޓަރުންނާއި ނައިބުން މަދު ނޫން އަދަދަކަށް އެބަތިބި. އެއިން އެއްވެސް މީހަކަށް މިކަމެއް ހިނގައިގެން އުޅޭކަމެއް ނޭނގެ،" އޭނާ ބުންޏެވެ.

ހަތަރު ބިލިއަން ރުފިޔާއިން ދަރާފައިވާ ކުންފުންޏަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވަނީ އައްޔަން ކުރައްވައިފަ އެވެ. އަދި އޭގެ އިތުރުން އެ ކުންފުންޏަށް ދެ މެނޭޖިން ޑިރެކްޓަރުން ވެސް އައްޔަންކޮށްފައިވެ އެވެ.

އެ ކުންފުނީގެ ދަރަނީގެ ތެރެއިން އެކިއެކި ސަޕްލަޔަރުންނާއި ވިޔަފާރިތަކަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ ހުރި އިރު، 3.2 ބިލިއަން ރުފިޔާގެ ތެރެއިން 958 މިލިއަން ރުފިޔާއަކީ އެ ބިލްތަކަށް ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ، އޭގެ ފަހަށް، އެއް އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ ފައިސާ އެވެ. މި ފައިސާ ލިބެން ޖެހޭ ފަރާތްތަކުގެ ގޮތުގައި 1،149 ފަރާތްވެ އެވެ.