ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ދިވެހި ސަރުކާރުން މިހާރު ކުރަމުން އަންނަ މަސައްކަތުގައި އެ ގައުމުން ދީފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން މަޝްވަރާކުރަމުން އަންނަ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އާއި އިންޑިއާ ގުޅިގެން ބޭއްވި ހައި ލެވެލް ކޮމިޓީގެ ބައްދަލުވުމުގައި ދެ ގައުމުން އެކިއެކި ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގުޅުން ބަދަހި ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން ހިޔާލު ބަދަލު ކުރި ކަމަށެވެ. ހާއްސަކޮށް އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ހަލުވިކަމާ އެކުގައި ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ވެސް ދެ ގައުމުން މަޝްވަރާ ކުރި ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމާއި އިންސާނީ އެހީ ދޭން ވައިގެ އުޅަނދުތަކުން ހިންގާ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކާ މެދުގައި ވެސް ރާއްޖެ އާއި އިންޑިއާ މަޝްވަރާ ކުރި ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އަދި ދެ ގައުމަށް ފަސޭހަ ވަގުތެއްގައި ހައި ލެވެލް ކޮމިޓީގެ ދެވަނަ ބައްދަލުވުމެއް ބާއްވަން ރާއްޖެ އާއި އިންޑިއާ އެއްބަސްވެފައިވާ ކަމަށް އޭގައިވެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންޑިއާ އަށް ހުށަހަޅުއްވައިފަ އެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް އިއްޔެ ވިދާޅުވީ ވައިގެ އުޅަނދުތައް ދުއްވުމުގައި މިލިޓަރީ މީހުން ތިބި ނަމަ، ރާއްޖެ ދޫކޮށް ދާންޖެހޭނެ ކަމަށާއި އެކަމަކު ސިވިލް މީހުން އެކަމުގައި ތިބުން އެންމެ ރަނގަޅު ކަމަށެވެ. އެގޮތަށް މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ ބަލި މީހުން އުފުލުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މާޗް މަހު ފައްޓަވަން ނިންމަވައިފަ އެވެ.

ސަރުކާރުން އެންމެ ފަހުން ހާމަކުރި ގޮތުގައި ރާއްޖޭގައި މިވަގުތު އިންޑިއާގެ 88 ސިފައިން އެބަތިއްބެވެ. އެ ސިފައިން ތިބީ ހެލިކޮޕްޓަރު ދުއްވުމާއި އޭގެ އެކި އެކި މަސައްކަތް ކުރުމުގެ ނަމުގަ އެވެ.