އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި "އަލް މަޝްއަރު ހައްޖު އުމްރާ" އާއި "ވަޑި ހައްޖު އެންޑް އުމްރާ" އިން އުމްރާ އަށް މީހުން ގެންދާ ކަން ފާހަގަކުރެވިފައިވާތީ އުމްރާ އަށް ދިއުމަށް އެ ދެ ކުންފުންޏަށް ފައިސާ ނުދިނުމަށް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "އަލް މަޝްއަރު ހައްޖު އުމްރާ" އާއި "ވަޑި ހައްޖު އެންޑް އުމްރާ" ގްރޫޕަކީ އުމްރާއަށް މީހުން ގެންދިއުމަށް އިއުލާންކޮށް ފައިސާ ނަގަމުންދާކަން މިނިސްޓްރީ އަށް ފާހަގަ ކުރެވިފައިވާ ދެ ކުންފުނި ކަމަށެވެ.

މިނިސްޓްރީގެ ވެބްސައިޓުގައި އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތައް ފެންނަން ހުންނާނެ ކަމަށާއި މިނިސްޓްރީގެ ލިސްޓުގައި ނެތް ކުންފުންޏެއް ނަމަ ފައިސާ ނުދެއްކުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.

"މިއީ މަނާ ކަމެއް ކަމުގައި ވާތީ، މިކަން މިގޮތަށް ނުކުރުމަށާއި މިފަދަ ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް ފައިސާ ނުދެއްކުމަށް އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެނީ ޖެހިޖެހިގެން ދެ އަހަރަށެވެ. އެ ހުއްދަ ނެތި ނުވަތަ އުމްރާ ހުއްދައިގެ މުއްދަތު ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ އުސޫލާ ހިލާފު ކަމެކެވެ. އުމްރާގެ ހިދުމަތް ދިނުމަށް އެ ވުޒާރާއިން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓެއް ވެބްސައިޓްގައި ވަނީ އާއްމު ކޮށްފަ އެވެ.