ރައީސް އޮފީހުގެ ވަޒީރު ބޭފުޅުން ވަޑައިގެން މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލުމަށް އިންތިހާބީ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ އަށް ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް، ރައީސްއޮފީހުގެ ވަޒީރުބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލެއްވުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މާލޭ ރައްޔިތުން އިންތހާބުކޮށްފައިވާ މޭޔަރު މަގާމާ ހަވާލުވަންދެން މިއަދު ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް އާޒިމް ވަނީ އެދިވަޑައިގެންފަ އެވެ.

އާޒިމް މިފަދައިން ވިދާޅުވެފައި މިވަނީ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމަށް ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު (ޝާޑު) ހާޒިރުކޮށް، އޭނާ ލައްވައި ކައުންސިލުން ހިންގާ ބޮޑެތި މަޝްރޫއުތަކުގައި ކައުންސިލުން އެއްބަސްވެފައިވާ އެއްވެސް ކަމަކަށް ބަދަލެއް ނުގެނަސް، މަޝްރޫއު މެނޭޖްކުރުން ވަގުތީ ގޮތުން މިނިސްޓްރީއާ ހަވާލުކުރުމަށް ހުށަހަޅުއްވާފަ އެވެ. އޭނާ ބުނިގޮތުގައި މިގޮތަށް ހުށަހަޅާފައި ވަނީ މަޝްރޫއުތައް އަވަސްކުރުމަށެވެ.

މިނިސްޓްރީ އަށް ހަވާލުކުރުމަށް އޭނާ ހުށަހަޅާފައި ވަނީ 100 މިލިއަން ރުފިޔާއަށް ވުރެ މަތީ ޕްރޮޖެކްޓުތަކެވެ. އެ ޕްރޮޖެކްޓުތަކުގެ ތަފްސީލެއް ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.