އަހަރު ފެށިގެން އައި އިރު އެންމެ ގަދައަށް ސޯޝަލް މީޑިއާގައި ދެކެވެމުން އައީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރާ ވާހަކަ އެވެ. އެކަމުގެ ފަހަތުގައި ތިބީ ދިވެހިންނާ އެންމެ އަވަށްޓެރި އިންޑިއާގެ ނަން މަޝްހޫރު ޝަހްސިއްޔަތުންނާއި އާއްމު ރައްޔިތުންނެވެ.

#ބޮއިކޮޓްމޯލްޑިވްސް އަކީ ފާއިތުވެދިޔަ ދުވަސްތަކުގައި އެކްސްއާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ވެސް އެންމެ ގަދައަށް ހިނގި ޓްރެންޑެވެ.

އެ ޓްރެންޑްގައި ބައިވެރިވި ގިނަ މީހުންނަކީ އިންޑިއާގެ އާއްމު ރައްޔިތުން ކަމަށްވާއިރު ފާހަގަ ކޮށްލަންޖެހޭ ކަމަކީ އެކަމަށް ގޮވާލީ އިންޑިއާގެ މުޅި އާބާދީގެ 37 ޕަސެންޓް ކަމެވެ. އޭގެ ތެރެއިން ޕާސްޕޯޓް ހައްދާފައިވަނީ އެންމެ ދެ ޕަސެންޓް މީހުން ކަމެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާއިން ގޮވާލި ގޮވާލުމަކީ ރާއްޖެއަށް މާބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. އެއީ އިންޑިއާގެ އާއްމު ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް ދަތުރުކުރުމުގެ ތަނަވަސްކަން ލިބިފައިވާ މީހުން ނިސްބަތުން މަދުވީމަ އެވެ.

ކޮންމެއަކަސް #ބޮއިކޮޓްމޯލްޑިވްސްގެ ޓްރެންޑް ވެސް އެކްސްގައި މަޝްހޫރުވި ދުވަސް މާޒީވެ ހިނގައްޖެ އެވެ. މަހެއް ނުވަނީސް އެވާހަކަ ދެކެވުން މަދުވެއްޖެ އެވެ.

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބަލާއިރުވެސް މާ ބޮޑު ދަށްވުމެއް ފާހަގައެއް ނުކުރެވެ އެވެ. ވީއިރު ބޮއިކޮޓް މޯލްޑިވްސްގެ ހަގީގީ މަގްސަދަކީ ކޮބައިތޯ ވެސް ސުވާލު ކުރެވެ އެވެ.

އިންސާނުންނަކީ ބަޔަކަށް ފާޑުކިޔުމާއި ކުޑައިމީސް ކުރުމުގައި އަރާތިބި ބައެކެވެ. އެކަމުގައި ވަކި ގައުމެއް ނަސްލެއް އިސްތިސްނާއެއް ނުވެ އެވެ.

އެގޮތުން އެއީ އިންޑިއާއަށް ލިބުނު ފުރުސަތެކެވެ. އެ ފުރުސަތުގެ ބޭނުން ހިފައި ދިވެހި ރާއްޖެއަށް މަލާމާތްކުރީ އެވެ.