ދިވެހި ރާއްޖެ ބޮއިކޮޓް ކުރުމަށް އިންޑިއާ ސަރުކާރުން ރާވައިގެން ފެށި މަސައްކަތަކީ އިންޑިއާ އިން އަވަށްޓެރި ގައުމުތަކާ މެދު އަމަލުކުރާ ގޮތަށް ބަލާއިރު ހައިރާން ވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ. އިންޑިއާ އާ ހެދި ޕާކިސްތާނަށް ހަމަނޭވާ ލެވޭނެ ގޮތެއް ނުވެ އެވެ. ސްރީލަންކާގައި ބައިބައިވުން އުފައްދައި ގައުމުގެ އިގުތިސާދު އިނދަ ޖައްސާލުމުގައި އިންޑިއާގެ ދައުރު ބޮޑެވެ.

ބަނގްލަދޭޝް އަށް ކިރިޔާ ވެސް ނޭވާއެއް ލެވެނީ އިންޑިއާގެ ޕަޕެޓް ސަރުކާރެއް ވެރިކަމުގައި އޮވެގެންނެވެ. ނޭޕާލާއި ބޫޓާނަށް ވެސް އިންޑިޔާ ނުރުހޭ ގައުމަކާ ގުޅުމެއް ނުބޭއްވޭނެ އެވެ.

ދެކުނު އޭޝިއާގެ "ބޮޑުމީހާ"ގެ ގޮތުގައި އިންޑިއާ ބޭނުން ނޫން ގޮތަކަށް ސަރަހައްދުގައި އެއްވެސް ބަޔަކަށް ނޭވާ ވެސް ލެވިގެން ނުވާނެ އެވެ. އެގޮތަށް މަގު ފަހިކޮށްފައި ބޭއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އިންޑިއާ އިން އަބަދު ވެސް ކުރެ އެވެ. ޚާއްސަކޮށް ބީޖޭޕީ، ވަކިން ޚާއްސަކޮށް މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިކަމުގައި ގެންގުޅެނީ ހައްދު ފަހަނަޅާފައިވާ ސިޔާސަތެކެވެ.

އިންޑިއާ - ދިވެހި ރާއްޖެ

ރާއްޖޭގެ މިނިވަންކަމަށް ޒަމާނުއްސުރެ ނުރައްކަލަކަށް ވެފައި އޮތިއްޔާ ވެފައި އޮތީ އިންޑިޔާއިންނެވެ. އިންޑިޔާ މިއަދު އެ ސަރަހައްދަކަށް ނިސްބަތްވާ ސަރަހައްދަކީ ޒަމާނުއްސުރެ އިންޑިއާ ކަމަށް ބަލާ ކަމަށް ވަންޏާ ރާއްޖޭގެ މިނިވަންކަން 17 އަހަރު ވަންދެން ފޭރިގަތީ ގޯއާ އިންނެވެ. އޭގެ ފަހުން މަލަބާރުން ވެސް ރާއްޖޭގެ މިނިވަންކަމަށް އަރައިގަތެވެ.

ތާރީޚުގެ އެއަށް ވުރެ ކުރިޔަށް ޖެހިލައި ބަލާއިރު އިންޑިޔާގެ ދެކުނުގައި އުފެދުނު ޗޯލާއިންގެ ވެރިކަން މުޅި އިންޑިއަން އޯޝަންގެ ގައުމުތަކަށް ފެތުރިގެން ދިޔައިރު ވެސް ރާއްޖޭގެ މައްޗަށް އެމީހުންގެ ބާރު އެއްކޮށް ފެތުރިފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ރާއްޖޭގެ އުތުރުން ޗޯލާއިން ހިފި ރަށްތަކުގެ ތެރެއިން ލަކްޝަދީޕް ނުވަތަ ލެކެޑީވްސްގެ ރަށްތައް ވަނީ އިންޑިއާގެ އަތްދަށަށް ގޮސްފަ އެވެ.

ޖޯގްރަފީ ގޮތުން ލަކްޝަދީޕްގެ ރަށަކަށް ނުވާ، ލަކްޝަދީޕްގެ އެހެން ރަށްތަކަށް ވުރެ ރާއްޖެއާ ކައިރީގައި އޮންނަ މަލިކު، އިންޑިއާގެ ރަށެއްގެ ގޮތުގައި ހަމަޖެހުނީ އަދި މާފަހުންނެވެ. އެ ރަށުގައި މިހާރު ވެސް އުޅެނީ ދިވެހީންނެވެ. ވާހަކަ ދައްކަނީ ދިވެހި ބަހުންނެވެ.

އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުމާ އެކު އިންޑިޔާ މަސައްކަތް ކުރަމުން އައީ ވަށައިގެންވާ ހުރިހާ ގައުމެއް އިންޑިއާގެ ނުފޫޒުގެ ދަށުގައި ބޭއްވުމަށެވެ. ރާއްޖެއަށް މިނިވަންކަން ލިބުނުއިރު އިންޑިއާ ގެންދިޔައީ ވަކި ގައުމެއްގެ ގޮތުގައި ހިންދެމިލައި ސަރަހައްދު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭރު ރާއްޖޭގެ ވެރިން ބެއްލެވީ އެއްވެސް ގައުމެއްގެ އަތްދަށު ނުވެ މިނިވަންކަމާ އެކު ދުނިޔެއަށް ނިކުތުމަށެވެ. އިނގިރޭސިންގެ އަތް ދަށުން ސަލާމަތް ވުމަށް ފަހު އެފަދަ އެހެން ބައެއްގެ ދަށުނުވުމަކީ އޭރުގެ ރާއްޖޭގެ އެންމެ އިސް ވެރިޔާ އިބްރާހިމް ނާސިރުގެ ވިސްނުންފުޅު ހުންނެވި ގޮތެވެ.

ރައީސް ނާސިރަށް ފަހު ގައުމުގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ، ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވީ ހުރިހާ ގައުމަކާ ވެސް ގާތްގުޅުން ބާއްވައި ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތަކަށެވެ. އެ ސިޔާސަތުގެ ދަށުން ސާކުގެ ގައުމުތަކާއި ޔޫރަޕާއި މެދުއިރުމައަޗާއި ޗައިނާއާ އެކު ވެސް ގާތް ގުޅުން އޮތެވެ. ވަކި ގައުމަކާ އޮންނަ ގުޅުމާކާ ހެދި އެހެން ގައުމަކުން ބަސް ބުނަން ޖެހޭ ހިސާބަކަށް ނުދެ އެވެ.

އެމްޑީޕީ އާއި އިންޑިއާ

އެމްޑީޕީ އުފެދުމާއެކު އެ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދު ހިންގެވި އިދިކޮޅު ހަރަކާތްތަކުގައި ރާއްޖޭގެ ވެރިން ބަލިކަށިކޮށް އެތެރެ ހަލަބޮލި ކޮށްލެއްވުމުގެ ބޭނުމުގައި ބޭރުގެ ފަރާތްތައް ރާއްޖޭގެ ސިޔާސީ ކަންތަކާ ބެހުމަށް ފާޅުގައި ދައުވަތު ދެއްވި އެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާގެ އިތުރުން ކޮމަންވެލްތު ވެސް އެ ހަރަކާތުގެ ތެރެއަށް ވެއްދި އެވެ.

ވަކިން ޚާއްސަކޮށް އިންޑިއާ އެކަމުގެ ތެރެއަށް ވެއްދެވި އެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން އެ ގައުމުގެ ބެކްޔާޑުގައި ޚުދުމުޚުތާރު ވެރިކަމެއް އޮންނަ އިރު އިންޑިއާ އެކަމާ އަޅާނުލައި އޮވެގެން ނުވާނެ ކަމަށް ވިދާޅުވެ، ފާޅުގައި އިންޑިއާގެ އެހީއަށް އެމްޑީޕީން ގެންދިޔައީ އެދެމުންނެވެ. ހަމަ އެއާ އެކު ޗައިނާ އަށް ރާއްޖޭގެ އެތައް ރަށެއް ވިއްކައިފި ކަމަށް އަޑު އަރުވައި ރާއްޖެ ސަލާމަތް ކޮށްދޭން އެދި އިންޑިއާ އަށް "ސަލާން" ޖެހި އެވެ.

އެމްޑީޕީން ދައުވަތާ އެކު މަސްގަނޑަކަށް ލޯއަޅައިގެން އޮތް ބުޅަލަކަށް ދަނޑިވަޅެއް ލިބުމުން އެ މަސްގަނޑަށް ފުންމައިގަންނަ ފަދައިން ފުރުސަތުގެ ބޭނުން އިންޑިއާ އިން ރަނގަޅަށް ހިފި އެވެ. ދިވެހި މިނިވަންކަމުގެ ނިޝާނެއްގެ ގޮތުން ކާބަފައިން ދާއޮހޮރުވައިގެން ހެދި ހުޅުލޭ އެއާޕޯޓް ހިމެނޭހެން ރާއްޖޭގެ ހުރިހާ އެއާޕޯޓެއްގެ ކޮންޓްރޯލް އިންޑިއާ ހޯދި އެވެ.

މުޅި ރާއްޖޭގެ އުތުރުން ދެކުނަށް ރާޑަރު ހަރުކޮށް އެ ރާޑަރުތަކުގެ ކޮންޓްރޯލް އިންޑިއާގައި ބެހެއްޓި އެވެ. ރާއްޖޭގެ ދިފާއީ ބާރަށް ހެލިކޮޕްޓަރެއް ހަދިޔާކުރުމުގެ ނަމުގައި ހެލިކޮޕްޓަރާކާ އެކު އިންޑިއާ ސިފައިންގެ ފައުޖެއް ރާއްޖެ އައިސް ރުކުރުވާލި އެވެ. ހެލިކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނުކޮށް ނިމެންދެން މަޑުކޮށްލަން އައި އިންޑިއާ ސިފައިން ދިވެހި ސިފައިންނަށް ހެލިކޮޕްޓަރާ ގާތްވިޔަ ވެސް ނުދީ ރާއްޖޭގައި ތިބޭތާ 15 ވަރަކަށް އަހަރު ވަނީ އެވެ.

އިންޑިއާ އާއި ރައީސް ޔާމީން

ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އިގްތިސާދީ ބޮޑެތި ބަދަލުތަކެއް ގައުމަށް ގެނެސްދެއްވާނެ ކަމުގެ ވައުދާއެކުގަ އެވެ. އެމަނިކުފާނުގެ އެންމެ ބޮޑު ވައުދަކަށް އޮތީ ހުޅުމާލެ އާއި މާލެއާ ދެމެދު ބްރިޖް އެޅުމެވެ. އެ މަސައްކަތާއި އެނޫންވެސް ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ލިބެން އޮތް ދިމާޔަކަށް މިސްރާބު ޖެއްސެވިއިރު އިންޑިއާއާ އެކު އޮންނަ އަވަށްޓެރިކަމުގެ ގުޅުން ހެޔޮ ގޮތުގައި ބޭއްވޭތޯ ރައީސް ޔާމީން ގެންދެވީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ބިޔަ މަޝްރޫއުތަކަކަށް ޗައިނާ އިން އެހީތެރިކަން ފޯރުކޮށްދޭ މަންޒަރު ދެކެން އިންޑިއާ އަކަށް ކެތެއް ނުވި އެވެ.

އިންޑިއާގެ ނުތަނަވަސްކަން ކުޑަކޮށް، އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް "އިންޑިއާ ފަސްޓް" ޕޮލިސީއެއް ވެސް ޔާމީނު އިއުލާން ކުރައްވައި އެ ގައުމާއެކު ގާތް ގުޅުމެއް ބޭއްވޭތޯ މަސައްކަތް ކުރެއްވި އެވެ. އެހެން ނަމަވެސް އިންޑިއާ ބޭނުންވީ އެމީހުންނަށް ބޭނުން ގޮތަކަށް ކަންތައް ކޮށްދިން އެމްޑީޕީ ސަރުކާރު އަލުން ވެރިކަމަށް ގެނައުމަށް އެހީތެރިވުމަށެވެ. އެ ހިސާބުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެމީހުންގެ އުޅަނދުތަކާއެކު ދިއުމަށް ސަރުކާރުން އެންގި އެވެ.

ރައީސް ޔާމީނުގެ ވެރިކަން ބަދަލުވިއިރު ވެސް އިންޑިއާ އިން އޮތީ އެ އަމުރާ އެއްގޮތަށް އަމަލު ނުކޮށެވެ. ސިފައިން ތިބީ ވިސާ ވެސް ނެތި އެވެ.

މުއިއްޒަށްވީ ގޮތް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭރު ކުރުމަށް ގޮވާލައި ރައީސް ޔާމީން ފެށްޓެވި އިންޑިއާ އައުޓު ހަރަކާތުގެ ފޯރީގައި ކުރެވުނު ކެމްޕޭނެއްގެ ތެރެއިންނެވެ. އެހެންކަމުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ މުއިއްޒުގެ ކޮނޑުގައި އެޅިފައި އޮތް ވާޖިބެކެވެ.

އެ ވާޖިބު އަދާކުރެއްވުމަށްޓަކައި ރައީސް މުއިއްޒު ގެންދަވަނީ ބައްދަލުވެވުނު އިންޑިޔާގެ ކޮންމެ އޮފިޝަލެއްގެ އަރުގައި ވެސް ސިފައިން ގެންދަން ދަންނަވަމުންނެވެ.

ފޮރިން ރިލޭޝަންސް އާއި ޑިޕްލޮމަސީގެ އުސޫލުތަކާ ފުށުއަރާ ގޮތަށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ ދޯދިޔާ އަމަލުތަކުގެ ސަބަބުން އިންޑިއާ އާއި ދިވެހި ރާއްޖެ މިއަދު މިވަނީ ބޮޑު "ކުރިމަތިލުމަކަށް" ގޮސްފަ އެވެ. މި ހައިޖާނުގައި ކޮންމެ ބަޔަކު މޮޅުވެ، ބަލިވިކަމުގައި ވިޔަސް ދިވެހި ސަރުކާރުން މިހާރު އަމަލު ކުރަމުން ގެންދާ ގޮތުގެ ސަބަބުން ބޭކާރު މައްސަލަގަނޑަކާ ދިވެހިން މިއަދު ވަނީ ކުރިމަތިލާން ޖެހިފަ އެވެ.