ގދ. ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގެ ދަރިވަރަކަށް ހަނގާކޮށް އަނިޔާކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލަ ބަލަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުދިންތަކެއް ވެގެން ހަނގާ ކުރުމުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވި ކުއްޖާއަށް މިހާރު ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ދީފައި ވާކަމަށެވެ. އަދި މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހުވަދޫ ސްކޫލުގައި ކިޔަވަމުން އަންނަ އުމުރުން 11 އަހަރުގެ އެ ކުއްޖާއަށް އަނިޔާކޮށްފައި ވަނީ އެ ސްކޫލުގައި ކިޔަވަމުން އަންނަ އިތުރުން ހަތަރު ކުއްޖެކެވެ.

ޝޯސަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އެކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހު އެ ހަތަރު ކުދިން ވެގެން 11 އަހަރުގެ ކުއްޖާގެ ގައިގައި ގޮނޑިންނާއި، މޭޒުން ޖަހައި ވަރަށް ބޮޑަށް އަނިޔާކޮށްފައި ވުމުގެ ސަބަބުން ކަރާ ދިމާއިން ވަނީ ކަށިގަނޑެއް ބިނދިފަ އެވެ.

އެ ކުއްޖާގެ އާއިލާ ފަރާތުން ބުނީ ކުއްޖާއަށް ހަނގާކުރުމުގެ އެކި ކަންކަމާ ސްކޫލު ތެރެއިން ކުރިމަތި ވަމުން، އަންނަތާ އަށް މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން އާއިލާއިން ބުނީ އެ މައްސަލަ ތަކުރާރުކޮށް ސްކޫލަށް ހުށަހަޅައިގެން ވެސް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އެ ކުއްޖާގެ އިތުރު މެޑިކަލް އެސެސްމަންޓުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު އާއިލާއިން ބުނީ، ކުދިންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ބުނެ އެ މައްސަލަ ބެލެނިވެރިންނާ ގުޅިގެން ހައްލުކުރުމަށް ސްކޫލުން އާއިލާގައި އެދިފައިވާ ކަމަށެވެ.