މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާރު ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވާދަނުކުރައްވާ ގޮތަށް ނިންމަވައިފި އެވެ. އޭނާގެ ބަދަލުގައި އެދާއިރާއަށް ވާދަކުރައްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަހްމަދު ރިޔާޒެވެ.

އަހުމަދު ރިޔާޒު ވަނީ އޭނާގެ ފޭސްބުކްގައި އެކަން ހާމަކުރައްވާފަ އެވެ.

އަހުމަދު ރިޔާޒު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާއަށް އޭނާ ވާދަކުރައްވަން ނިންމަވާފައިވާ ކަމަށާއި ދާއިރާގެ ރައްޔިތުންގެ ތާއީދު ބޭނުންވާ ކަމަށެވެ.

"ތިމަރަފުށި ދާއިރާގެ ލޮބުވެތި ރައްޔިތުން ތަމްސީލުކުރުމަށްޓަކައި، 20 ވަނަ ދައުރަށް މިދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރުކަމަށް، އަޅުގަނޑު އަހުމަދު ރިޔާޒު، އިހުލާސްތެރި ކަމާއެކު ތިޔަ ލޮބުވެތި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި މުރާލި ކަމާއެކު މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅާ ކުރިމަތިލާން ނިންމައިފީމެވެ،" އޭނާ ވިދާޅުވި އެވެ.

އަހަމަދު ރިޔާޒަކީ އޭނާގެ ކޮއްކޮ އަބްދުﷲ ރިޔާޒު ނައިބު ރައީސްކަން ކުރައްވާ އެމްއެންޕީގެ މެންބަރެކެވެ. އެ ދާއިރާއަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރަނީ އިބްރާހީމް ސަނާހެވެ.