ފުވައްމުލަކު ސިޓީގެ އެކި ސަރަހައްދުތަކުން މި މަހުގެ 11 އިން ފެށިގެން ވަކި ތާވަލެއްގެ ދަށުން ކަރަންޓު ކަނޑަން ޖެހެނީ އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ބޭނުންކުރާ ޖަނަރޭޓަރެއް ހަލާކުވެގެން ކަމަށާއި އާ ޖަނަރޭޓަރެއް ހޯދުމަށް މަސައްކަތް ކުރާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކައިން ބުނީ ފުވައްމުލަކަށް ކަރަންޓު ފޯރުކޮށްދޭން ބޭނުންކުރާ ހަތް ޖަނެރޭޓަރު ސެޓުގެ ތެރެއިން އެއް ސެޓު ހަލާކުވެ، ކަރަންޓު އުފެއްދޭ މިންވަރު ވަނީ ދަށްވެފައިވާ ކަމަށެވެ. އެ ޖަނަރޭޓަރު ހަލާކުވީ، އެ ކުންފުނިން ބުނި ގޮތުގައި، މިދިޔަ މަހުގެ 11ގަ އެވެ.

ފެނަކައިން ބުނީ، ޖަނެރޭޓަރު ސެޓު ހަލާކުވި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމުން އޭރު ކަރަންޓު ލޯޑު މަތި ނުވާތީ ރަށުން ކަރަންޓު ކަނޑަން ނުޖެހުނު ނަމަވެސް މޫސުން ރަނގަޅުވެ، ކަރަންޓުގެ ޑިމާންޑު މަތިވެފައިވާ ކަމަށެވެ.

ހޫނު މޫސުމާއި ސްކޫލުގެ ކިޔެވުން ވެސް ފެށިފައިވާތީ، މި މަހުގެ 11 އިން ފެށިގެން ފުވައްމުލަކުގެ އެކި ސަރަހައްދުތަކުން ތާވަލެއްގެ ދަށުން ކަރަންޓު ކަނޑަން ޖެހިފައިވާ ކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކައިން ބުނެފައިވަނީ ފުވައްމުލަކަށް ބޭނުންވާ ޖަނަރޭޓަރު ސެޓް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އަދި ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެންމެ އަވަސް ހައްލެއް ހޯދުމަށް އެމަޖެންސީ ޕްރޮކިޔުމަންޓްގެ ދަށުން 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ހޯދުމުގެ އިތުރުން އެހެން ރަށެއްގައި އިންސްޓޯލް ނުކޮށް ހުރި 800 ކިލޯ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ފުވައްމުލަކަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަން، ކުރިއަށް އޮތް ރޯދަ މަހާއި ހޫނު މޫސުމަށް ރަށްތަކުގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އެންމެ އަވަހަށް ޖަނަރޭޓަރުތައް ހޯދުމަށް ރޭވިފައިވާ ރަށްތަކުގެ ތެރޭގައި ފުވައްމުލައް ސިޓީގެ 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ހިމެނޭ،" ފެނަކައިގެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ބަޔާނުގައި ފެނަކައިން ބުނެފައިވަނީ ވޭތުވެދިޔަ އަހަރުތަކުގައި ޖަނަރޭޓަރު ސެޓުތަކުގެ މެއިންޓެނެންސްއަށް އަހައްމިޔަތުކަމެއް ދީފައިނުވުމުގެ ސަބަބުން ގިނަ ޖަނަރޭޓަރުތައް ހުރީ ހާލަތު ދަށްވެފައި ކަމަށެވެ.