ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ހަތަކުން 13 އަށް ޗައިނާއަށް 30 ބޭފުޅުންގެ ވަފުދަކާއެކީ ކުރެއްވި ރަސްމީ ދަތުރަށް ހަރަދުވީ ޖުމްލަ 2.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މިއީ ދަތުރުގައި ބައިވެރިވި 30 ބޭފުޅުންގެ ވަފުދުގެ ބޮލަކަށް 80،000 ރުފިޔާގެ މަގުން ހަރަދުކޮށްފައިވެ އެވެ.
ރަސްމީ ދަތުރުތަކުގެ ހަރަދުގެ ތަފްސީލް އާންމުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރައީސް ޑރ. މުއިއްޒުގެ ޗައިނާގެ ފުރަމާނާ ދަތުރުފުޅުގައި ގެންދެވި 30 ބޭފުޅުންގެ ވަފުދަށް ދިޔަ ހަރަދު ވަނީ އާންމުކޮށްފަ އެވެ. ހަރަދުތައް ހާމަކުރެއްވި ނަމަވެސް އެ ކަމަށް ބާރު ލިބޭ އެއްވެސް ސައްހަ ލިޔުމެއް އާއްމެއް ނުކުރެ އެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ޗައިނާ ދަތުރުގެ ހަރަދު ތަފުސީލުން އެނގޭ ގޮތުގައި، ރާއްޖޭގެ ވަފުދު ޗައިނާގައި ހޭދަކުރި ހަފުތާގެ ހުރުމުގެ އަދި ކެއިން ބުއިމުގެ ހަރަދު ހަމަޖެއްސީ ޗައިނާއިންނެވެ.
ހަރަދުތަކުގެ ތަފުސީލަށް ބަލާއިރު:
- ރާއްޖެއިން ޗައިނާއަށް 30 ބޭފުޅުން (ތިން ބިޒްނަސް ކްލާސް، 27 އިކޮނޮމީ ކްލާސް) އަދި ޗައިނާއިން ރާއްޖެއަށް 29 ބޭފުޅުން (10 ބިޒްނަސް ކްލާސް، 19 އިކޮނޮމީ ކްލާސް) ގެ ޓިކެޓަށް 2،020،482ރ. ރުފިޔާ
- 30 ބޭފުޅުންނަށް ޕޮކެޓް މަނީގެ ގޮތުގައި ތިން ލައްކަ ރުފިޔާ (ބޮލަކަށް 10،000ރ.)ސިމްކާޑާއި ވީޕީއެން ގަތުމަށް 14،000 ރުފިޔާ
- އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 89،000 ރުފިޔާ
ރައީސްގެ މި ދަތުރުގައި ރާއްޖެއާ ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވެނީ ޗައިނާއިން ރާއްޖެއަށް ގާތްގަނޑަކަށް 130 މިލިޔަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް އެއްބަސްވުމާއި ރަސްމާލޭގައި 30،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމާއި ވެލާނާ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއާ ގުޅޭ އެއްބަސްވުންތަކެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރި ކަން ސަރުކާރުން ހާމަކުރި ނަމަވެސް، ސަރުކާރުން މިހާތަނަށް އެ 20 އެއްބަސްވުމާ ގުޅޭ މާ ބައިވަރު ތަފުސީލުތަކެއް ނުދެ އެވެ.