މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކަށް ވަގުތީ ޝެލްޓާ އެޅުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލަށް ހަވާލުކޮށްފި އެވެ.

ވަގުތީ ފެސިލިޓީ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް އަދި އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.

ބުޅާ ފެސިލިޓީ ހަދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަހައްދުގަ އެވެ. މިކަމަށް 5000 އަކަ ފޫޓުގެ ބިމެއް ހަމަޖައްސާ ބިން ދޫކުރުމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، (އެޗްޑީސ) އާއި މާލެ ސިޓީ ކައުންސިލާ ދެމެދުވަނީ ސޮއިކުރައްވާފަ އެވެ.

ހަ މަސް ދުވަހުގެ ތެރޭގައި އެތަން ނިންމަން ހަމަޖެހިފައިވާ އިރު، ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކް އަދި ފިހާރައެއް ވެސް ހުންނާނެ އެވެ.

މާލެ މަގުމަތީގައި ބުޅާ ގިނަވުމުގެ ސަބަބުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ވެސް ވަރަށް ބޮޑަށް ވަނީ ދަތިވެފަ އެވެ. ބުޅަލުގެ ސަބަބުން ތަފާތު ބަލިތައް ފެތުރުމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ.