އަންނަ މާޗު މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސުޕަ މެޖޯރިޓީ ހޯދައި، ސަރުކާރަށް މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ފެށިގެން ކުރިއަށްދާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ހެންވޭރު ދަނޑަށް ކުރެއްވި ޒިޔާރަތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ އިއްތިހާދުން ސުޕާ މެޖޯރިޓީ ހޯދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސުޕަ މެޖޯރިޓީ ކާމިޔާބު ކުރާނަން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި. މަދުވެގެން 62 ގޮނޑި ނަގާނަން ރައްޔިތުންގެ ތާއީދާ އެކު،" ރައީސް ވިދާޅުވި އެވެ.

ޕްރައިމަރީއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދެ ޕާޓީ ދަފުތަރުގައި 71،000 މީހުން އެބަތިބި ކަމަށެވެ. އަދި ވޯޓުލުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެ ފޯރީގައި ވޯޓުލުމުގެ ކަންކަން ހިނގަމުންދާ ކަމަށާއި، 283 ކެނޑިޑޭޓުން ޕްރައިމަރީގައި ވާދަކުރައްވާ ކަމަށެވެ.އަ ދި މިއަދުގެ ޕްރައިމަރީ ހިނގަމުންދަނީ ޖުމްލަ ގޮތެއްގައި ސުލްހަވެރިކޮށް ކަމަށާއި، ކުޑަކޮށް ނުތަނަވަސްކަން އުފެދުނު ތަންތަނުގައި އެކަންކަންވެސް މިހާރު ހައްލުކުރެވިގެން ސުލްހަވެރިކަމާއެކު ހިނގަމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރު ދަނޑަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ:

ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށްޓަކައި ކަމަށާއި ރައްޔިތުންގެ ހައްގުތައް ކުރިއަށް ނެރެގެން ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ހާސިލްވަމުންދާތީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހިތުގައި އޮތީ އިހްލާސްތެރިކަން، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ތެދު ނިޔަތާއި އިހްލާސްތެރިކަން. އެހެންވީމަ އެކަން ރައްޔިތުން ބަލައިގަންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެހެންވީމަ މި ދެންނެވީ މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބާއްވާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރު ދަނޑަށް ވަޑައިގަންނަވަނީ. ފޮޓޯ: ޕީޕީއެމް

ރައީސް ވިދާޅުވީ ސަރުކާރުން އިޚުލާސްތެރިކޮށް ކުރާ މަސައްކަތް ރައްޔިތުން ބަލައިގަންނާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. މިހާތަނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ތެދުވެރިކަމާއެކު މަސައްކަތްކުރަމުންދާތީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ލިބުމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.