ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ދުރުކުރަން އިދިކޮޅު ޕާޓީތަކުން ނިންމައި އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ހަމަކޮށް، އެ މައްސަލަ މިއަދު މަޖިލީހަށް ވައްދަން ނިންމައިފި އެވެ.
ރައީސް މުއިއްޒު މަގާމުން ދުރުކުރަން މަޖިލީހަށް ވައްދަން، ނިންމާފައި ވަނީ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންނެވެ. ރައީސް މަގާމުން ދުރަން ބޭނުންވާ އަދަދަށް ގަރާރުގައި މެންބަރުން ސޮއިކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު މަގާމުން ދުރުކުރަން އެމްޑީޕީން މިއަދު ބޭއްވި ޕާލަމެންޓް ގްރޫޕުގެ ބައްދަލުގައި ބައިވެރިވި ހުރިހާ މެންބަރުން ވެސް އިއްތިފާގުވެފައިވެ އެވެ.
އެމްޑީޕީގައި މި ވަގުތު 44 މެންބަރުން މަޖިލީހުގައި ހިމެނެ އެވެ. އަދި އެމްޑީޕީއާ ގުޅިގެން މިހާރު ޕާލަމެންޓުގައި މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ގޮތުގައި 14 މެންބަރުން ހިމެނެ އެވެ. އެހެންވެ ދެ ޕާޓީ ގުޅިގެން ވޯޓު ދީފި ނަމަ ރައީސް މަގާމުން ދުރަން ބޭނުންވާ އަދަދަށް ވޯޓު ލިބޭނެ އެވެ. މަޖިލީހުގެ މިހާރު ތިބި މެންބަރުންގެ އަދަދަށް ބަލާއިރު ރައީސް މަގާމުން ދުރުކުރަން ބޭނުންވާނީ 54 ވޯޓެވެ. އެމްޑީޕީގެ 13 މެންބަރަކު ދާދި ފަހުން ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިފަ އެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ އަދަދުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުން ވޯޓުދީގެންނެވެ. އެއީ މި ހިނގާ 19 ވަނަ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަމަށްވާ 87 މެންބަރުންގެ ތިންބައިކުޅަ ދެބައި ކަމަށްވާ 58 ވޯޓެވެ. ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން ސަރުކާރާއި ކުންފުނިތަކަށް ބަދަލުވުމުން މަޖިލީހުގެ މިހާރުގެ ޖުމްލަ އަދަދެއް ކަމަށް ބަލަނީ 80 އެވެ.
މަޖިލީހުގެ ގަވާއިދަށް ދާދި ފަހުން ގެނައި އިސްލާހުގައިވާ ގޮތުން ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުގެ ގަރާރެއްގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން ދެ ދުވަސް ތެރޭ، އެ ގަރާރުގެ ނޯޓިސް ރައީސް ނުވަތަ ނައިބު ރައީސަށް ދޭން ޖެހޭނެ އެވެ. އަދި 14 ދުވަހުގެ އެ ނޯޓިސްގެ މުއްދަތު ހަމަވުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި އެ ގަރާރު ހުށަހަޅަން ޖެހެ އެވެ.
އެ ގަރާރާ ގުޅިގެން މަޖިލީހުގައި ކުރާ ބަހުސް ތިން ގަޑިއިރަށް ވުރެ ދިގުވެގެން ނުވާާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ރައީސް ނުވަތަ ނައިބު ރައީސް އަށް ދިފާއުވުމަށް 30 މިނެޓު ދިނުމަށް ފަހު، ބާކީ އޮންނަ ދެ ގަޑިއިރާއި 30 މިނެޓު ސިޔާސީ ޕާޓިތަކަށާއި އަމިއްލަ މެންބަރުން ބަހުސް ކުރުމަށް ދޭނެ އެވެ.