ރާއްޖޭގައި މިހާތަނަށް 12،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ވެކްސިން ދިން މީހުންގެ ތެރޭގައި މާލެ ސަރަހައްދުގައި ވެކްސިން ޖެހި 2،663 މީހުންނާއި އަތޮޅުތެރެއިން ވެކްސިންޖެހި 527 މީހުން ހިމެނެ އެވެ.

ރާއްޖޭގައި މިހާތަނަށް ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދަކީ 12،934 އެވެ. އެއީ މާލެ ސަރަހައްދުން 10،626 މީހުންނާއި އަތޮޅުތެރެއިން 2،308 މީހުންނެވެ.

މާލެ ސަރަހައްދުގައި މިވަގުތު ކޮވިޑް ވެކްސިން ދިނުމަށް ހަ ސެންޓަރެއް ވަނީ ކަނޑައެޅިފަ އެވެ. އަދި ތިން އަތޮޅެއްގައި މިހާތަނަށް ވަނީ ވެކްސިންދޭނެ ގޮތް ފަހިކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ވެކްސިން ޖެހީ ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށެވެ. މާލެ ސަރަހައްދުގައި އުޅޭ 55 އަހަރުން މަތީގެ މީހުންނަށް ވެކްސިންދޭން މިހާރު ވަނީ ފަށާފަ އެވެ.