ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި ކަމަށް ބުނާ މައްސަލަގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޑިމޮކްރެޓްސްގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
ގައްސާންއާ ކުރުމަށް، ހަސަން ލަތީފު ހުށަހަޅާފައިވާ ސުވާލުތަކަކީ މިކަން ހިނގާފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރޭގައި ކަން ނުވަތަ އެ ސަރަހައްދުން ބޭރުގައި ކަން މިހާރު ސަރުކާރަށް ކަށަވަރު ކުރެވިފައިވޭތޯ އާއި އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފުސީލުތައް ދިނުމަށާއި އަދި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިތޯ އެވެ.
މި ސުވާލުތަކަށް ގައްސާން ޖަވާބުދެއްވަން ހާޒިރުވާނީ ސުވާލުގެ ނޯޓިސް މަޖިލިސް ރައީސް މެދުވެރިކޮށް، ވަޒީރަށް ފޮނުއްވުމަށް ފަހު 14 ދުވަހުގެ ނޯޓިސް ހަމަވެގެންނެވެ.
މިމައްސަލަ ފެންމަތިވުމާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކަކުންނެވެ.
ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް މިހާތަނަށް އައިރުވެސް މިކަމާއި ގުޅިގެން އިންޑިއާއިން ޖަވާބެއް ދިވެހި ސަރުކާރަކަށް ދީފައިނުވެ އެވެ.
މިދިޔަ ބުދަ ދުވަހު އިންޑިއާގެ ސިފައިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށް އަރާ ސުވާލުކޮށް ހެދިއެވެ. ދޯނި ފަހަރަށް ސިފައިން އެރިއިރު އެ މީހުންގެ އަތުގައި ހަތިޔާރު ވެސް ހުރި ކަމުގެ މައުލޫމާތު ލިބެ އެވެ.
އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ދިވެހި މަސް ދޯންޏެއްގައި ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް މިހާރު ވަނީ ދައުރުވާން ފަށައިފަ އެވެ.