އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި އަހުމަދު އަންވަރު (ސިމްވާރު) އަށް ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިސް މަގާމެއް ދީފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިމްވާރު އަށް ދިނީ ލަންކާ އެމްބަސީގެ ސެކަންޑް ސެކްރެޓަރީގެ މަގާމެވެ. އޭނާ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ވަޒީފާ އަށް ނުކުންނަވަން ފެއްޓެވީ މިއަދެވެ.
ސިމްވާރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޔާސަތުތަކާ ދެކޮޅަށް އަޑު އުފުއްލެވި ޒުވާނެކެވެ. އޭނާ އެ ދުވަސްވަރު އަމިއްލަ އަށް އަރުވާލެވިގެން ހުންނެވީ ވެސް ލަންކާގަ އެވެ.
އޭގެ ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސިމްވާރަށް އިކޮނޮމިކް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ދިނެވެ. ނަމަވެސް ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގައި ސިމްވާރު ނެންގެވީ ނަޝީދުގެ ފަޅި އެވެ.
އެއާ އެކު، އޭނާ ހުންނެވި މަގާމުން ވެސް އިސްތިއުފާ ދއްވި އެވެ.
އެމްޑީޕީ ދޫކުރައްވައި ސިމްވާރު އޭރުގައި ގުޅިވަޑައިގަތީ ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެވެ. އޭނާ ވަނީ އެ ޕާޓީ އަށް ރިޔާސީ އިންތިހާބާއި ޕާޓީގެ އެތެރޭގެ އިންތިހާބުގެ ކެމްޕެއިންގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު، ފަހުން އައިސް، ޑިމޮކްރެޓްސްގެ ހަރަކާތްތައް ޕްރޮމޯޓް ކުރައްވަން އުޅުއްވި ތަނެއް ނުފެނުނެވެ.
އޭގެ ބަދަލުގައި ފެނުނީ ރައީސް ޑރ. މުއިއްޒު ސަރުކާރަށް ޕޮޒިޓިވްވާ ފަދަ ކަންކަން ޓުވީޓު ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި އާދަޔާ ހިލާފަށް ސިޔާސީ މަގާމުތައް ގިނަ އިރު، އެ ބޭފުޅުންނަށް ދައުލަތުން ކުރަން ޖެހޭ ހަރަދުތައް ވެސް އިންތިހާ އަށް އިތުރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަރަށް ހާއްސަ ހާލަތެއްގައި މެނުވީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުން ހުއްޓާލައްވައިފަ އެވެ.