ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) ގެ ކަރުގައި އޮތް ރަން ފަށް ފޭރުނު މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި މަގެއްގެ މަތިން އަންހެނެއްގެ ކަރުގައި އޮތް ފަށެއް ފޭރުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ހެނދުނު 6:20 ގައި ކަމަށެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންނަކީ ވެސް ދިވެހި ފިރިހެނުންކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެއިން އެކަކީ އުމުރުން 25 އަހަރު މީހެކެވެ. ދެވަނަ މީހަކީ އުމުރުން 27 އަހަރުގެ މީހެކެވެ.

މާޔަން ކިޔައި ދިން ގޮތުގައި އެ ހާދިސާ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުން އޭނާ ދުވެފައި ގޮސް ރެއިން ކްރެސްޓް ރެސިޑެންސް ކައިރިން "ކްލޭ ސްޓޫޑިއޯ" ހުންނަ މަގަށް އެޅި ވަގުތެވެ.

މާޔަންގެ ކަރުގައި އޮތް ފަށް ފޭރިގެންފައިވަނީ އޭނާގެ ފަހަތުން ސައިކަލެއްގައި އައި ދެ މީހުންނެވެ. އެ މީހުން ތިބީ ހެލްޓްމެޓް އަޅައިގެން ކަމަށްވެ އެވެ.

ފަށް ފޭރިގަތީ މާޔަން ދުވެފައި ދަނިކޮށް އޭނާގެ ކަރުގައި ހިފާ ވައްޓާލުމަށް ފަހު ފަށް ޖަހައިގަނެގެންނެވެ.

މާޔަން ވަނީ މި ހާދިސާގެ މައުލޫމާތާއި ފޭރިގެންފައިވާ ފަށުގެ ފޮޓޯއެއް ވެސް ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި އެއްވެސް މީހަކު އެ ފަށް ވިއްކަން އުޅޭ ނަމަ އަންގައިދިނުމަށް އެދިފައިވެ އެވެ.