ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޓިކެޓު އަތުލައި ޕާޓީން ވަކިކޮށްފައި ވަނިކޮށް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމް ހުށަހަޅުއްވައިފި އެވެ.
ޖާބިރު، ޕާޓީން ވަކިކޮށް ޓިކެޓު އަތުލީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އަދި ކެނޑިޑޭޓަކަށް ވެ ހުންނަވައި، މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް އާންމުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާ މައްސަލައިގަ އެވެ. ޖާބިރު މި ދޭތެރެއިން ބައެއް މީހުންނާ ދިމާލަށް އަވަގުރާނަ ގޮވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އާންމުވި އެވެ.
ނަވާރަ ވަނަ މަޖިލިސް އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓު ހޯއްދަވަން އޭނާ ޕްރަައިމަރީޣައި ކުރިމަތިލެއްވި އެވެ. އެކަމަކު، އެ ފަހަރު އޭނާ އަށް ނާކާމިޔާބީ އާ ކުރިމަތިވެވަޑައިގެންނެވި އެވެ.
އެ ނާކާމިޔާބީއާ އެކީގައި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވައި، ޖާބިރު ވަނީ ކާށިދޫ ދާއިރާގެ ގޮނޑި އަށް އިންތިހާބުވެވަޑައިގެންފަ އެވެ. އޭރު ގާނޫނު އޮތް ގޮތުން ޕްރައިމަރީއަކުން ބަލިވުމަށް ފަހު އަމިއްލަ ގޮތުން ވެސް ވާދައެއް ނުކުރެވެ އެވެ. އެކަމަކު ޖާބިރު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިގެން އެ މައްސަލަ ކާމިޔާބުކުރައްވައި އިންތިހާބު ވެސް ކާމިޔާބުކުރެއްވި އެވެ. އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ.
މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ގާނޫނީ ވަކީލު އަބްދުﷲ ނަސީރަށް މިހާރު ވަނީ ދީފަ އެވެ.
ނަސީރަކީ މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ހުޅުމާލެ އުތުރު ދާއިރާ އަށް ވާދަކުރައްވައި ބަލިވި ކެންޑިޑޭޓެކެވެ. ނަސީރުގެ މައްޗަށް އެ ދާއިރާގައި ކާމިޔާބު ހޯއްދެވީ އެމްޑީޕީގެ ސަރުކާރުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މޫސާ އަލިމަނިކު (މޫކޭ) އެވެ.