ރާއްޖޭގައި ޒަކާތާ ގުޅޭ ކަންން ކުރިއަށްގެންދަން އުފެއްދި "މޯލްޑިވްސް ޒަކާތު ހައުސް" އުފެއްދިތާ ގާތްގަނޑަކަށް އެއްމަސް ދުވަހުން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.

ޒަކާތު ހައުސްގެ ޖެނުއަރީ މަހުގެ ތަފާސް ހިސާބުތައް އިސްލާމިކް މިނިސްޓްރީން ވަނީ އާންމުކޮށްފަ އެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހުގެ ނިޔަލަށް އެ އިދާރާއަށް އެހީގެ ގޮތުގައި ހަމަޖެހިފައިވަނީ 794،120ރ އެވެ. އެ މުއްދަތުގައި އެހީ އަށް އެދުނު 65 މީހަކަށް އެހީގެ ގޮތުގައި 441،012ރ ހޭދަކޮށްފައިވެ އެވެ.

އެހީ ދީފައިވާ ގޮތުގެ ތަފްސީލް

ކެންސަރު ފަރުވާއަށް 207،784ރ

ހިތުގެ އޮޕަރޭޝަނަށް 42،405ރ

ޓްރާންސްޕްލާންޓަށް 76،329ރ

ސިކުނޑީގެ އޮޕަރޭޝަނަށް 59،367ރ

އެހެނިހެން 408،325ރ

ޒަރޫރީ އެހީގެ ގޮތުގައި 16،437ރ

ތަފާސްހިސާބުތައް ދައްކާގޮތުން ޒަކާތު ހައުސްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި މިދިޔަ މަހު 172،050ރ ހޭދަކުރި އެވެ. އަދި ދީނީ އެކި ޕްރޮޕްރާމުތައް ހިންގުމަށް 292،177ރ ހޭދަކޮށްފައިވެ އެވެ.

އޭގެ އިތުރުން ވަކި އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފެއްދުމުގެ އެއް ބޭނުމަކީ ޒަކާތުގެ ގޮތުގައި އެކި މީހުން ދައްކާ ފައިސާ މިހާރަށް ވުރެ އިތުރުކުރުން ކަމަށްވެސް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.