ލޭގެ ކޮލެސްޓްރޯލް ދަށްކުރުމަށްޓަކައި ކަސްރަތު ކުރުމަށް ސިއްޚީ މާހިރުން އަބަދުވެސް ލަފާދެއްވަ އެވެ. އެގޮތުން އެންމެ ގިނައިން ނުވަތަ އެންމެ އާންމުކޮށް ކުރުމަށް ލަފާދެއްވާ ކަސްރަތުތަކަކީ ދުވުން، ފެތުން، ހިގުން އަދި ޖިމްގެ ކަސްރަތުތަކެވެ.

ނަމަވެސް ދާދި ފަހުން ޗައިނާގައި ކުރި ދިރާސާއަކުން ހާމާވާ ގޮތުގައި އިހު ޒަމާނުގެ ޗައިނީސް މާޝަލްއާޓްގެ ވައްތަރެއް ކަމަށްވާ "ޓައި ޗީ" އަކީ އެއިރޮބިކްސް ކަސްރަތުތަކުގެ ތެރޭގައި ގުނާލެވޭ ކަސްރަތުތަކަށް ވުރެ ލޭގެ ކޮލެސްޓްރޯލް ދަށްކުރުމަށް މާ ރަނގަޅު ކަސްރަތެވެ.

ޓައިޗީ ކަސްރަތުގައި ވިސްނުން ވަކި ގޮތަކަށް ގެންގުޅެމުން ހަށިގަނޑަށް ވަރަށް ލުއި ހަރަކާތްތަކެއް ކުރުވަ އެވެ. އޭގެ ސަބަބުން ހަށިގަނޑު ވަކި ގޮތަކަށް ބެލެންސް ކުރެވި، ނޭވާލުމަށް ބަދަލުތަކެއް ގެނުވައި އަދި ހިތުގެ ހިގުން ރަނގަޅުކޮށްދެ އެވެ.

މި ދިރާސާ ކުރީ ޗައިނާ އެކެޑެމީ އޮފް މެޑިކަލް ސައިންސަސްގެ ދިރާސާ ކުރާ ފަރާތްތަކަކުންނެވެ.

މި ދިރާސާގައި 342 ބައިވެރިން ބޭނުންކުރި އެވެ. އެ އެންމެންނަކީ ލޭ މައްޗަށް ދާބަލީގެ މީހުންނެވެ. އެ ބައިވެރިން ދެ ގްރޫޕަކަށް ބަހާލައި އެތަނުން އެއްގުރޫޕްގެ ބައިވެރިން ޓައިޗީ ހަދަން ހަވާލުކުރިއިރު ބާކީ ތިބި ބައިވެރިންނާ ހަވާލުކުރެވުނީ އެކި ވައްތަރުގެ އެއިރޮބިކްސް ކަސްރަތެވެ.

ހަ މަހުގެ މުއްދަތަކަށް ދިރާސާކުރުމަށްފަހު ލޭގެ ޕްރެޝަރު ބެލިއިރު ޓައި ޗީ ހެދި ގްރޫޕްގައި ހިމެނޭ މީހުންގެ ލޭގެ ޕްރެޝަރު ކުރިއަށް ވުރެ ދަށްވެފައިވެ އެވެ. އަދި މުޅި ދިރާސާ ނިންމުމަށްފަހު ވެސް ނަތީޖާ ދައްކަނީ ޓައިޗީ އިން ލޭ ދަށްކޮށްދޭ ކަމެވެ.

ޔޯގާ ކަސްރަތަކީ ވެސް ޓައިޗީ ފަދަ ލަސް ހަރަކާތްތަކެއް ހިމެނޭ ފުންކޮށް ނޭވާލަމުން ހަށިގަނޑުގެ މަސްތަކަށް ދަމާލަމުން ކުރާ ވަރަށް ރަނގަޅު ކަސްރަތެކެވެ.