ކުރިއަށް އޮތް ރަމަޟާން މަހު ނޫރު މިސްކިތުގައި އިމާމުވެ ތަރާވީހް ނަމާދުކުރާނީ އުމުރުން 11 އަހަރުގެ އިޒްކާން އަޖީބް ހުސައިން ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ގުރުއާން ހިތުދަސްކޮށްފައިވާ އިޒްކާން މިއަދު ވަނީ އޭނާގެ މަންމަ އާއި ބައްޕައާ އެކުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ ބައްދަލުކުރައްވައިފަ އެވެ.

ޝަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބައްދަލުވުމުގައި، އިޒްކާން އެދުނީ ރޯދަ މަހު އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތު ހޯދައި ދޭން ކަމަށެވެ. އެ ފުރުސަތު އިޒްކާން އަށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ޝަހީމް ވިދާޅުވި އެވެ.

އިޒްކާން އިމާމުވެ ތަރާވީހް ނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ ހެންވޭރު ކޮޅުގައި ހުންނަ ނޫރު މިސްކިތުގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް 10، 11، 12 ނިންމާފައިވާ ރީތިކޮށް ގުރުއާންކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ޒުވާނުންނަށް، އިމާމުވެ ހުކުރުކޮށް ހުތުބާކިޔުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ދާދި ފަހުން ވަނީ ނިންމައިފަ އެވެ.