ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކ. ގުޅިފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ ރާއްޖެއަށް ގެއްލުންވާ ގޮތަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ގުޅިފަޅު ޕްރޮޖެކްޓަކީ ތިމާވެއްޓަށް އިންތިހާ އަށް ގެއްލުން ބޮޑު، ރާއްޖޭގެ ގުދުރަތީ ވެއްޓާއި ދިރުންތަކުގެ މުއްސަނދިކަމުން ހޯދާ އިގްތިސާދީ އަދި އިޖުތިމާއީ ނަފާ ހީނަރު ކުރުވައި ޕްރޮޖެކްޓެއް ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރު ވަނީ އެ މަޝްރޫއު ހުއްޓުވައި ދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

އެކަމަކު، ސިވިލް ކޯޓުން އެ މައްސަލައިގައި އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައެޅުމުން ހުމައިދާ ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެއާ އެކީގައި ހައި ކޯޓުން ވަނީ ގުޅީފަޅު ހިއްކުން މަޑުޖައްސާލަން އިއްޔެ އަމުރުކޮށްފަ އެވެ.

ހައި ކޯޓުގެ އަމުރު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުން އިއްޔެ ނެރުނު އަމުރު ތަންފީޒު ކުރުން ފަސް ކުރަން އަމުރު ކޮށްފަ އެވެ.

އެ މައްސަލައިގައި މުއްތަލިބް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައި ކޯޓުން މަސައްކަތް ހުއްޓާލަން އަމުރު ނެރުނީ ސަރުކާރުން ބޭނުން ވެގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ހެދި ފަރާތްތައް ކަމަށެވެ.

"ގުޅީފަޅު ހިއްކުމަށް ހެދި އެގްރީމަންޓަކީ ރާއްޖެއަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަހަލަ އެގްރިމަންޓެއް ނޫން،" މުއްތަލިބް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރަކަށް ހުރި އަކްރަމް ކަމާލުއްދީން ވަނީ ގުޅީފަޅު ހިއްކުން ހުއްޓުވާލީ ސަރުކާރުގެ ނުފޫޒުން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަކްރަމް ވިދާޅުވި ގޮތުގައި އެ އަމުރު ނެރުނީ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" މަޝްރޫއުގެ ކާމިޔާބުކަން ސާބިތުކޮށްދިނުމަށެވެ.

ސަރުކާރުގެ މައްސަލައަކުން އެ މަސައްކަތް މަޑުޖެހިއްޖެ ނަމަ ނުވަތަ ހުއްޓިއްޖެ ނަމަ، އެ މަސައްކަތް ހުއްޓިފައިވާ ކޮންމެ ދުވަހަކަށް ދައުލަތުން ބޮސްކާލިސް ކުންފުންޏަށް ތިން ލައްކައެއްހާ ޑޮލަރު ދައްކަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅިފަޅު ހިއްކަން ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. ކުރީގެ ސަރުކާރުން ވަނީ ގުޅިފަޅުގެ 65 ހެކްޓަރު ހިއްކަން ނިންމައިފަ އެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅީފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ.