މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މުޅި ރާއްޖެ އިން 2000 ވޯޓު ވެސް ނުލިބި ލަދުވެތި ނަތީޖާއަކާ ކުރިމަތިލާން ޖެހުނު ކާނަލް މުހައްމަދު ނާޒިމް އޭނާ އުފައްދަވައިގެން އުޅޭ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މާފަންނު އުތުރު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޝަރުތަކާ ނުލައި ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒަށް ބައިއަތު ހިއްޕެވި ކާނަލް ނާޒިމް މާފަންނު އުތުރަށް ވާދަކުރައްވާތީ، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާފަންނު އުތުރު ދާއިރާ އަށް އެއްވެސް ކެންޑިޑޭޓެއް ނުނެރެ އެވެ. އެ ދާއިރާ އަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން އެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން މާފަންނު އުތުރަށް ވާދަކުރައްވަނީ މިހާރު ވެސް އެ ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ހުރިހާ މަޖިލިސް އިންތިޚާބެއްގައި ވެސް އިންތި ވާދަކުރައްވައި ކާމިޔާބު ކުރައްވާފައި ވަނީ އެމްޑީޕީގެ ޓިކެޓުގަ އެވެ. އެކަމަކު އެމްޑީޕީގެ ޓިކެޓުގައި 19 ވަނަ މަޖިލީހަށް އިންތިޚާބުވި ނަމަވެސް އިންތި ވަނީ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން މިދިޔަ އަހަރު އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ބަދަލުވެފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 225،486 މީހުންގެ ތެރޭން ނާޒިމަށް ލިބިވަޑައިގެންނެވީ އެންމެ 1،907 ވޯޓު ނުވަތަ 0.86 ޕަސެންޓެވެ. އަށް ކެންޑިޑޭޓުން ވާދަކުރެއްވި އެ އިންތިޚާބުގެ ފުލަށް ދިޔައީ ނާޒިމެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޝަރުތަކާ ނުލައި ރައީސް މުއިއްޒަށް ތާއިދު ކުރަން ނިންމެވި ނަމަވެސް ފަހުން އެނގުނު ގޮތުގައި ނާޒިމް ވަނީ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ޕީއެންސީ އާއި ނާޒިމްގެ އެމްއެންޕީ އެކުގައި ނުކުންނަން ހުށަހަޅައިފަ އެވެ. ނަމަވެސް ނާޒިމަށް އެ ފުރުސަތު ޕީއެންސީން ދީފައެއް ނުވެ އެވެ. އެހެންވެ 20 ވަނަ މަޖިލީހަށް އެމްއެންޕީގެ ފަރާތުން ނާޒިމްގެ އިތުރުން ދެން ނުކުމެވޭވަރުވީ އެންމެ ކެންޑިޑޭޓަކަށެވެ.
މިހާރު ހިނގާ 19 ވަނަ މަޖިލީހަށް އދ. ދަނގެތީ ދާއިރާ އަށް ނާޒިމް އިންތިޚާބުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ އެވެ. ހަތް ކެންޑިޑޭޓުން ވާދަކުރެއްވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޮޑު ތާއީދެއް އޮންނަ އެ ދާއިރާ އަށް ނާޒިމް އިންތިޚާބުވެ ވަޑައިގެންނެވީ 1,071 ވޯޓު ނުވަތަ ވޯޓުލީ މީހުންގެ 52.04 ޕަސެންޓް ތާއީދާ އެކު އެވެ. ނަމަވެސް ނޮވެމްބަރު 12، 2018 ގައި ޖުމްހޫރީ ޕާޓީ އަށް ނާޒިމް ސޮއިކުރަން ބޭއްވި ހަފުލާގައި މިހާރު ދެކޭ ޑިމޮކްރަސީގެ ހަގީގީ ބާނީ އަކީ ގާސިމް ކަމަށް ވިދާޅުވި ނާޒިމް ފަހުން ވަނީ ގާސިމަށް ވެސް ދޯކާދެއްވުމަށް ފަހު ޖުމްހޫރީ ޕާޓީ ދޫކޮށްލައްވައި އަމިއްލަ އަށް އެމްއެންޕީ އުފައްދަވައިފަ އެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެ ދާއިރާގެ މައި ރަށް ދަނގެތިން ނާޒިމަށް ލިބިވަޑައިގެންނެވީ އެންމެ ފަސް ވޯޓެވެ.
އިސްލާހަށް ލޯބިކުރި މީހުންގެ ހިތުގައި ކާނަލް ނާޒިމްއާ މެދު ބޮޑު ނަފުރަތެއް އުފެދިފައި ވަނީ 2008 ވަނަ އަހަރު ގާއިމްކުރި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު ފެބްރުއަރީ 7، 2012 ގައި ބަޣާވާތަކުން ވައްޓާލުމުގެ އަޑީގައި ނާޒިމް ހުންނެވުމުގެ ތުހުމަތާ އެކު އެވެ. އެ ސަރުކާރުގެ ރައީސް މުހައްމަދު ނަޝީދު ޝަރުތަކާ ނުލައި އިސްތިއުފާ ދެއްވަން މަޖުބޫރު ކުރެއްވި ބޭފުޅަކީ ވެސް ނާޒިމް ކަމަށް އެތައް ބަޔަކު އެއްބަސްވެ އެވެ އެވެ. ގިނަ ބަޔަކު ގަބޫލް ކުރާ ގޮތުން ބަޣާވާތަކުން ވައްޓާލި ވެރިކަމަށް ފަހު އެތައް ބަޔަކު ނާޒިމަށް މުޚާތަބް ކުރަން ފަށާފައި ވަނީ ވެސް ބާޣީ ނާޒިމްގެ ނަމުންނެވެ. ދެން ގާއިމްކުރި ޑރ. މުހައްމަދު ވަހީދު ސަރުކާރުގައި ނާޒިމަށް ވަނީ ޑިފެންސް މިނިސްޓަރުކަން ދީފަ އެވެ. އަދި 2013 ގައި އުފެއްދި ރައީސް ޔާމީން އަބްދުލްގައްޔޫގެ ޕީޕީއެމް ސަރުކާރުގައި ވެސް ޑިފެންސް މިނިސްޓަރަކަށް ހުންނަވައި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި ނާޒިމް 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅެވެ. ނަމަވެސް 2018 ވަނަ އަހަރުގެ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރުކުމާ އެކު ބޭސްފަރުވާ އަށް މެލޭޝިއާ ފޮނުވާފައި ހުންނަވަނިކޮށް، ނާޒިމްގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ނޮވެމްބަރު 2018 ގައި ވަނީ އަމުރުކޮށްފަ އެވެ.
ނާޒިމަށް އާއްމުންގެ ތާއީދު އެހާ ކުޑަވެ ނަފުރަތު އިތުރުވި ސަބަބެއް ކަމަށް މިހާރު ވެސް ގިނަ ބަޔަކު އިއްތިފާގުވާ ކަމަކީ، ރައްޔިތުން ބޮޑު ގުރުބާނީއެއް ވެގެން ގެނައި ސަރުކާރެއްގެ ރައީސަށް އިސްތިއުފާ ދޭން މަޖްބޫރުކޮށްގެން ސަރުކާރު ވައްޓާލުމުގެ ފަހަތުގައި ނާޒިމް ހުންނެވުމުންނެވެ. އެ ހުތުރު ލައްގަނޑު އެތައް ޒާމަނަކަށް ދެމިގެންދާކަން ނާޒިމްގެ ސިޔާސީ ހަޔާތުން އެ ދަނީ ފެންނަމުންނެވެ.