ރައީސް ޑރ. މުހައްމަދު މުއިއްޒު، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް ފާތުމަތު ދިޔާނާ އައްޔަން ކުރައްވައިފި އެވެ.

މިއީ ކަސްޓަމްސްގެ 133 އަހަރުވީ ދިގު މާޒީގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެެއް މިމަގާމަށް އައްޔަނުކުރެވުނު ފުރަތަމަ ފަހަރެވެ.

ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުމާއި މަގާމުގެ ފޮތިކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދެވެ.

ކަސްޓަމްސްގެ ހިދްމަތުގައި 23 އަހަރު ފުރިހަމަކުރައްވާފައިވާ ދިޔާނާ، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ.

މިވަގުތު ދިޔާނާގެ އިތުުރުން ކަސްޓަމްސްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި އިތުރު ދެބޭފުޅުން ތިއްބަވަ އެވެ. އެއީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ވަހީދު އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް މަހްމޫދު ރިޔާޒެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި މިއީ ރައީސް މުއިއްޒުގެ ސަރުކާރުން ގައުމުގެ ތަރައްގީގައި އަންހެނުންގެ ހިއްސާ އިތުރު ކުރުމާއި އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

އަދި ތަންފީޒީ އިދާރާތަކުގެ ހިންގުމުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަން ކުރެވުނު ފަހަރަށް ވުމާއެކު، މިއީ ކަސްޓަމްސްގެ އިތުރުން ތަންފީޒީ އެހެން އިދާރާތަކުގެ ހިންގުމުގައި ވެސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ތަފާތު ކުރުމެއް ނެތި ޝާމިލް ކުރުމަށް ތަނަވަސްވެގެން ދިޔަ ފުރުސަތެއް ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.