އައްޑޫސިޓީގެ ހިތަދު އާއި ހުޅުމީދޫ ބްރިޖުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހުޅުދޫ-މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމާއި ފަތުރުވެރިކަން ފުޅާކުރުމާ އަދި ސީޕްލޭން ހަބެއް ބިނާކުރުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފަށައި އޭގެ މަންފާ ރައްޔިތުންނަށް ހޯދައިދޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވަނީ ހިތުގެ އިޚްލާސްތެރިކަމާ އެކު އެކަމެއް ފުއްދަވަންކަމުގައި ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުދޫ މީދޫގެ ޞީއްޙީ މަރުކަޒު ވެސް ހޮސްޕިޓަލެއްގެ ފެންވަރަށް ބަދަލުކޮށްދެއްވާނެ ކަމުގައި ވިދާޅުވެފަ އެވެ. އެގޮތުން ގާއިމުކުރަންޖެހޭ ވަސީލަތްތައް ގާއިމުކުރައްވާނެކަމަށާއި ހަމަ އެހެންމެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ވެސް ޚިދުމަތްތައް ފުޅާކޮށް ސިއްހީ ޚިދުމަތް ހޯދުމަށް މާލެދާން ނުޖެހޭނެ ފެންވަރަށް ބަދަލު ގެންނަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ބިން ހިއްކުމާއި މަގު ހެދުމާ އަދި އެނޫންވެސް ހުޅުދޫ މީދޫ އަދި މުޅި އައްޑޫ ސިޓީއަށް ބޭނުންވާ ކަންކަމަށް ސަމާލުކަން ދެއްވައިގެން މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ. އާއި ގދ. ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.