ރާއްޖޭގައި ކުޅޭ ކުޅިވަރުތަކުގެ އެކަޑަމީތަކަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކުގެ ސިޔާސަތުތަކެއް އެކުލަވާލުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައީސްގެ ޖަވާބު" ނަމުގައި ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި އާންމުންގެ މީހަކު ސުވާލު ކުރީ ރަށްރަށުގައި ކުޅިވަރުގެ ތަމްރީންދޭ އެކަޑަމީތަކަށް، ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން އެހީތެރިކަން ދިނުމާމެދުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން ކުޅިވަރު ކުޅޭ ކުދިން ތަމްރީނު ކުރާ ތަންތަނާއި، އެކަަޑަމީތަކާއި ޖަމިއްޔާތަކަށް ސީއެސްއާރްގެ ދަށުން ނުދޭ މައްސަލައަށް އެޓެންޑް ކުރައްވާނެ ކަމަށެވެ.

އަދި އެކަމުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާ މަޝްވަރާ ކުރައްވައިގެން ކުންފުނިތަކުގެ ސީއެެސްއާރްގެ ގޮތުގައި ކޯޗުންނާއި އެކަޑަމީތަކަށް އެހީތެރިކަން ލިބޭނެ ފަދަ ގޮތްގޮތް ހޯދައިގެން ރަނގަޅު ސިޔާސަތުގެ ދަށުން އެކަޑަމީތަކަށް އެހީތެރިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގެ އެކި ކުންފުނިތަކުން އެކި ރަށްރަށުގައި މަސައްކަތް ކުރަމުންދާއިރުގައި ސީއެެސްއާރްގެ ގޮތުގައި ތިޔަބޭފުޅުން ފަދަ ކޯޗުންނާއި އެކަޑަމީތަކަށް އެހީތެރިކަން ލިބޭނެ ފަދަ ގޮތްގޮތް ހޯދާ ދިނުމަށް އަޅުގަނޑު ކުޅިވަރާއި ބެހޭ ވަޒީރު މެދުވެރިކޮށް އަދި އެސޯސިއޭޝަންތަކަށް ގޮތްގޮތް ހޯދާ ދިނުމަށް ކުންފުނިތަކާއި ވާހަކަ ދައްކައިގެން ރަނގަޅު ސިޔާސަތުތަކެއް ބައްޓަން ކުރުމުގެ މަސައްކަތް ފަށާނަން." ރައީސް ވިދާޅުވި އެވެ.