ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކޮށް ކޮމިޓީ ސިއްރުކޮށްފި އެވެ.
މި މައްސަލާގައި 241 ކޮމިޓީ ބައްދަލުވުން ބޭއްވުމަށް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު އެވެ. ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން ބައްދަލުވުން ސިއްރު ކުރުމަށް ވަނީ ނިންމާފަ އެވެ.
އިންޑިއާގެ ކޯސްޓް ގާޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، ދިވެހި މަސް ދޯނިތަކަށް އެރުމާއި ރާއްޖެއަށް އަންނަ ޗައިނާގެ ދިރާސީ އުޅަނދުގެ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަން ފަށައިފަ އެވެ.
އެ ދެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވުމަށް ކޮމިޓީން މީގެ ކުރިން ވަނީ ޑިފެންސް މިނިސްޓްރީގައި އެދިފަ އެވެ. އަދި މިއަދުގެ އެ ކޮމިޓީ ބައްދަލުވުމަށް ޑިފެންސް މިނިސްޓަރު ގައްސާން ވަނީ ހާޒިރުކޮށްފަ އެވެ.
ރާއްޖޭގެ އުތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދިވެހި ތިން މަސްދޯންޏަކަށް އިންޑިއާ ސިފައިން އެރީ ޖެނުއަރީ 31 ވަނަ ދުވަހު އެވެ. އިންޑިއާ ސިފައިން އެ ދުވަހު އެރީ "އަސުރުމާ 3" ދޯންޏާއި "ނިރު 7" އަދި "މާހޯރަ 3" ދޯންޏަށެވެ.އޭގެ ފަހުން މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ އިންޑިއާ ސިފައިން "މާހޯރަ 3" ދޯންޏަށް އެރި ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށް ސުވާލުކުރަންވެސް މެންބަރަކު ވަނީ ހުށަހަޅުއްވާފަ އެވެ.
ޣައްސާން މަޖިލީހަށް ހާޒިރުކުރަން ހުށަހަޅުއްވާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ.
މަސްބޯޓުތަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޑިފެންސް މިނިސްޓްރީން ބުނީ ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމްތަކުންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި އިންޑިއާ ކަނގެ ސިފައިން އަރާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ޑިފެންސްގެ ބަޔާނުގައި ބުންޏެވެ.
އެހެންވެ އިންޑިއާ ސިފައިން ހިންގި އެ އޮޕަރޭޝަންގެ ތަފްސީލް ހޯދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ދަންނަވާފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ކުރިން ބުންޏެވެ. މި މައްސަލާގައި ޣައްސާން މަޖިލިސް ތަޅުމަށް ހާޒިރުކޮށް ސުވާލުކުރަން ވެސް ވަނީ މެންބަރަކު ހުށަހަޅުއްވައިފަ އެވެ.