މި މަހުގެ ކުރީކޮޅު ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ގިނަ މީހުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މެޗުގެ ކުޅުން ކުރިއަށް ގެންދަނިކޮށް ބަޔަކު މީހުން ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގައި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރު ކުރި 13 މީހަކު ޝަރުތުތަކާ އެކުގައި ދޫކޮށްލާފައިވާ ކަމަށެވެ.
އަދި ބާކީ ތިބި ތިން މީހުން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެންމެ ފަހުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޮންމެ މީހެއްގެ ބަންދަށް އިތުރު 15 ދުވަސް ޖެހި އެވެ.
މި މަހުގެ 7 ވަނަ ދުވަހު، ކުޑަހެންވޭރު ސަޕޯޓަރުންތަކެއް ދަނޑަށް އެރީ ކުޑަހެންވޭރުގެ މުހައްމަދު ހާޒިމް ރިއްފަތު، ވިކްޓަރީގެ އެނަޓޮލީ އަށް ކުރި ފައުލަކާ ގުޅިގެން އެނަޓޮލީ ގަސްދުގައި ހާޒިމް ގައިގައި ކޮޅުފައިން ޖެހުމުންނެވެ. ރެފްރީ މުހައްމަދު ޖާވިޒް އެނަޓޮލީ އަށް ރަތް ކާޑެއް ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކަން ނިންމުމާ ގުޅިގެން ކުޑަހެންވޭރު ސަޕޯޓަރުން ވަނީ ދަނޑަށް އަރައި އެނަޓޮލީ އަށް ވެސް ހަމަލާދީފަ އެވެ.
އެ ދުވަހުގެ މެޗުގައި ހިންގި ހަމަނުޖެހުމުގައި ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދަށް ވެސް ހަމަލާދީ އޭނާގެ އަނގަ މަތި ފަޅާލި އެވެ.