މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބެލެހެއްޓުމަށް ހަދާ ފެސިލިޓީގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއްޔެ އިއުލާނުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ފަރުކޮޅުފުށި ސަރަހައްދުގައި ހަދަން ނިންމާފައިވާ ކެޓް ޝެލްޓާގެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ސިޓީ ކައުންސިލްގެ އެޑްމިން ސެކްޝަނުގެ މީޓިން ރޫމުގައި އޮންނާނެ ކަމަށް އިއުލާންގައިވެއެވެ. ބީލަމުގެ އަގު ހުށަހެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގަ އެވެ.

މައުލޫމާތު ސާފުކުރުމަށް ނުދާ މީހުންނާއި ގަޑި ޖެހިގެން އަންދާސީ ހިސާބު ހުށަހަޅަން ދާ މީހުންގެ އަންދާސީ ހިސާބުތައް ބަލައި ނުގަންނާނެ ކަމަށް އިއުލާންގައިވެ އެވެ. ބީލަން ހުށަހެޅޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބުޅާ ފެސިލިޓީ ހެދުމުގެ މަސައްކަތް ކުރާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައެވެ. އެ މަސައްކަތަށް މިހާރު ވަނީ ބިމެއް ވެސް ހަމަޖައްސައިދީފަ އެވެ.

މާލޭގައި ބުޅާތައް ގިނަވެ، އޭގެ އުނދަގޫ އާންމުންނަށް ވަރަށް ބޮޑަށް ކުރެ އެވެ.