މޫނުގައި ނަގާ ބިހިތައް ފިލުވާލުމަކީ ގިނަ ބަޔަކަށް އުނދަގޫ ކަމެކެވެ. އަގުބޮޑު އުފެއްދުންތައް ބޭނުންކޮށްގެން ވެސް ކާމިޔާބު ވެފައި ނުވާ ކަމެކެވެ. ނަމަވެސް މިކަމަށް އޮތް އެންމެ ފަސޭހަ ހައްލު އޮތީ އަތްފޯރާ ހިސާބުގައި ގޭތެރެއިންނެވެ.

މޫނުގައި އުފެދޭ ބިހި ފިލުވައިލުމަށް ދިރާސާކުރާ ފަރާތްތަކަށް ފާހަގަކުރެވިފައިވާ އެންމެ މުހިންމު އެކައްޗަކީ ދޮންކެޔޮ ތޮއްޓެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ދޮންކޭލުގެ ތޮއްޓަކީ އޭގައި ލުޓެއިން ނަމަކަށްކިޔާ މާއްދާއެއް ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ.

މީގެ އިތުރުންވެސް ދޮންކެޔޮ ތޮށްޓަކީ ވިޓަމިން އޭ، ބީ، ސީ އަދި ޕޮޓޭސިއަމް އާއި މެގްނީސިއަމް ފަދަ ހަމަށް ފައިދާހުރި އެތައް މާއްދާއެއް ހިމެނޭ އެއްޗެކެވެ. މި ހުރިހާ މާއްދާއަކީ ހަންގަަނޑު އޮމާންކޮށްދީ ހަމުގެ ސިއްހަތު ރަނގަޅުކޮށްދިނުމުގެ އިތުރުން ބިހި އަދި އޮށާޅަ ފަދަ ތަކެތި ހަމުން ނައްތާލަދޭ މުހިންމު މާއްދާއެއްކަމަށްވެސް ބުނެވެ އެވެ.

ދެން މިފަދަ ގޮތަކަށް ބޭނުންކުރެވިދާނެ އެހެން އެއްޗެއްގެގޮތުގައި މިހާރަކަށް އައިސް މަޝްހޫރުކަން ހޯދާފައިވާ އެއްޗަކީ އަލުތްވެވެ. އަލުވީގައިވެސް ޕޮޓޭސިއަމް، މެގްނީސިއަމް، ސަލްފާ، ފޮސްފޮރަސް އަދި ކްލޯރައިޑް ފަދަ މާއްދާތައް ގިނަ އަދަދަކަށް ހިމެނޭ ކަމަށް ސައިންސްވެރިން ހާމަކޮށްފައިވާއިރު މިއީ ބިހިނެގުމުގެ އިތުރުން ބިހިތައް ފެތުރުން ހުއްޓުވުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ.

އެހެން ކަމުން ބުނެވެން އޮތީ މޫނުން ނުފިލައިގެން ތިއުޅޭ ބިހިތަކުގެ ހައްލު އޮތީ ގޭގެ ބަދިގެއިން ކަމުގަ އެވެ. އަގުބޮޑު އުފެއްދުންތައް ދޫކޮށް ގުދުރަތީ މި ފަރުވާތަކުގެ އަޖުމަ ބަލާލާށެވެ.