ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހައި ޖޫރިމަނާ ކުރަން އަލުން ފަށަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

އެއްގަމު އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ އެ ސިޔާސަތު ދަމަހައްޓަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ނިންމެވި އެވެ.

ޕާކް ކުރާނޭ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނޭ ކަމަށް ރައީސް މުއިއްޒު އިންތިހާބުގެ ތެރޭ ވައުދުވެވަޑައިގެންފައިވެ އެވެ. އެ ވައުދު ފުއްދަމުން ދިޔުމަށްފަހު، މިހާރު ވަނީ އެ ނިންމުން ބަދަލުކުރައްވާފަ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާންމުންނަށް އުނދަގުލަކަށް ވާ ގޮތަށް މާލޭގައި ޕާކް ކުރުން މިފަހުން އާންމުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން ހަމައަކަށް އެޅުވުމަށްޓަކައި ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހަން އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް ފުލުހުން ބުންޏެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ހަތް ވަނަ މާއްދާ އަދި އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14ވަނަ މާއްދާގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދެއްގައި، ޕާކިން ވަޔަލޭޝަން ސްޓިކާ ޖެހުމުގެ އިހްތިޔާރު މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާ ކަމަށެވެ.

ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ކޮންމެ ފަހަރަކު، އުޅަނދުގެ ވެރިފަރާތް 250ރ. އިން ޖޫރިމަނާ ކުރާނެ އެެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވައި، ގަވައިދާ ހިލާފުވާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

ފުލުހުން ބުނީ އެއްގަމު އުޅަނދު ދުއްވުމުގައި ގަވާއިދާ ހިލާފުވޭތޯ ހާއްސަ ސަމާލުކަމެއްދީގެން ބައެއް ސަރަހައްދުތަކުގައި ބަލަހައްޓަމުންދާނެ ކަމަށެވެ.

ހިނގާ މީހުންގެ އިތުރުން އާންމު ދަތުރުފަތުރާއި ޓްރާންސްޕޯޓާއި އެމަޖެންސީގައި ދަތުރުކުރާ އުޅަނދުތަކަށް ދަތިވާ ގޮތަށް މާލެ ސަރަހައްދުގައި ޕާކު ކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހާއްސަ ސަމާލުކަމެއް ދީގެން ބަލާ ތަންތަން

  • ގްރީން ޒޯން
  • ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ ތަންތަން
  • މަގުތަކާއި، ގޯޅިތަކުގެ ކަންމަތިތައް
  • ސްކޫލް ސަރަހައްދުތައް
  • ހޮސްޕިޓަލުތަކާއި އޮފީސްތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ތަންތަން
  • މިސްކިތްތަކާއި އާންމު ގޭބިސީތަކާއި ގަރާޖު ފަދަ ތަންތަންނަށް ވަދެ ނުކުމެ ހަދަން ދަތިވާގޮތަށް ހުންނަ ތަންތަން