ޗައިނާއާ އެކުގައި ޑިފެންސް މިނިސްޓްރީން ސޮއިކުރި އެއްބަސްވުމަކީ އެމްއެންޑީއެފަށް ބޭނުންވާ ނަން ލީތަލް އާލާތްތަކާއި ސިފައިންނަށް ތަމްރީން ހޯދުމަށް ގާއިމު ކުރި އެއްބަސްވުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އަސްކަރީ އެހީގެ އެއްބަސްވުމެއްގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓަރު މޭޖާ ޖެނަރަލް، ޒަން ބެއެކުންއާ ސޮއި ކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ.
އޭގެ އެއްވެސް ތަފްސީލެއް ދެ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
އެކަމަކު، ދ. މީދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އަބަދުވެސް އަސްކަރީ ގުޅުން އޮންނަ ކަމަށާއި އަލަށްވީ އެއްބަސްވުމަކީ ހިލޭ އެހީގެ ދަށުން ސިފައިންގެ ކެޕޭސިޓީ އިތުރު ކުރުމަށްވީ އެއްބަސްވުމެއް ކަމަށެވެ.
"ސިފަައިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީނުތައް ހޯދުމަށާއި އަދި ނަން-ލީތަލް، ލީތަލް ނޫން އެކި ކަހަލަ އާލަތްތައް ހިލޭ ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް. މީގެ ސަބަބުން ދިފާއީ ބާރަށް ޓެކްނިކަލް ކެޕޭސިޓީ އިތުރުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިކަންކަން ކުރެވެނީ އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކަ އެވެ. އަދި ބޭނުމަކީ އަމިއްލަވަންތަކަމާއި މިނިވަންކަން އިތުރަށް ވަރުގަދަ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޗައިނާއާ އެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރި އިރު، ކުރީޣެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާއާ އެކު އަސްކަރީ ގިނަ އެއްބަސްވުންތަކެއް ހަދާފައިވެ އެވެ. އެ އެއްބަސްވުންތަކަށް އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.