އެމަނިކުފާނާ ދިމާލަށް އެއްޗެއް ބުނެގެން ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ޅ. ކުރެންދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކވަަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުންޏެއްގެ މުވައްޒަފަކު ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އެ މުވައްޒަފުގެ މަގާމު ދަށްކުރި ކަމުގެ ވާހަކަ ބައެއް ނޫސްތަކުން ފެނިވަޑައިގެންފައިވާ ކަމަށެވެ.
ނަމަވެސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ ފޯނުން ގުޅުއްވައި އެކަން ހިނގި ގޮތް ސާފު ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސްގެ ވާހަކަފުޅުގައި އެއީ ކޮން ކުންފުންޏެއް ކަމެއް ފާހަގަ އެއް ނުކުރައްވަ އެވެ.
މެނޭޖިން ޑިރެކްޓަރުގެ ޖަވާބުން އެނގިވަޑައިގަތީ އެ މުވައްޒަފާ ގުޅޭ މައްސަލަ އެ އަށް ވުރެ މާ ސީރިއަސްކަން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަ ބަލާފައިވަނީ އެ ކުންފުނީގެ ޕޮލިސީގެ ތެރެއިން ކަމަށް ވެސް މެނޭޖިން ޑިރެކްޓަރާ ހަވާލާ ދެއްވައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މި ދެންނެވި ސަރުކާރުގެ ކުންފުނީގެ އެމްޑީއަށް އަޅުގަނޑު ވަގުތުން ގުޅުއްވާލާފަ ކަންވީގޮތް އޮޅުންފިލުވިން. ވިދާޅުވީ އެކަން ހިނގައިދިޔަގޮތަށް ނޫން ކަމަށް ވާހަކަ ފެތުރެނީ. އެކަން ވީ ގޮތަކީ ކުންފުނީގެ ޕޮލިސީއާ ވަރަށް ބޮޑަށް ހިލާފުވެ ވަރަށް ސިރިއަސް މައްސަލައެއްގަ ކަމަށް ފިޔަވަޅު އެޅުއްވީ. އަޅުގަނޑު ދެންނެވިން އެހެންވީމަ ރައްޔިތުންނަށް ހަގީގަތް ހާމަކުރަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ މަސައްކަތްތަކެއް ވެސް ކުރައްވަން ބޭނުންފުޅުވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި އެމަނިކުފާނާ ދިމާލަށް އެއްޗެއް ބުނެގެން އެއްވެސް މީހަކަށް ފިޔަވަޅެއް އަޅަން ބޭނުންފުޅުނުވާ ކަމަށެވެ.
"ކްރިޓިސައިޒްވެސް ކުރަންވާނެ. އެއީ ޕޮޒިޓިވް ނުވަތަ ކަންކަން ރަނގަޅުކުރަން ހެޔޮ ނިޔަތުގަ ބުނާ އެއްޗެއް ނަމަ ވަރަށް ބޮޑަށް މަރުހަބާ ވެސް ކިޔާނަން. އަދި ހިތްހަމަ ނުޖެހިގެން ވިދާޅުވާ އެއްޗެއް ވިޔަސް ފިޔަވަޅެއް ނާޅާނަން." ރައީސް ވިދާޅުވި އެވެ.
ރައީސް އެ އިޝާރާތް ކުރެއްވީ އެސްޓީއޯގެ މުވައްޒަފަކު ހުރި ވަޒީފާ އިން ޑީމޯޓުކުރި މައްސަލައަށެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ކަމުގެ ސިޓީގައި ބުނެފައިވާ ގޮތުގައި އެ ފިޔަވަޅު އެޅީ ސަރުކާރުގެ އިސްބޭފުޅުންގެ އަބުރަށް އުނިކަން ލިބޭ ގޮތަށް، ޒިންމާދާރުކަން ކުޑަ ޕޯސްޓުތަކެއް ކޮށް، އޭގެ ސަބަބުން އެ ކުންފުންޏާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެދުމުންނެވެ.