މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ސަޅި ހުޅުލެ" ގެ ނަމުގައި މުޅި ހުޅުލެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ފަށައިފި އެވެ.

ހުޅުލެ ސާފުކުރުމަށް އެމް.އޭ.ސީ.އެލް އިން ފެށި މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

މިއަދު ހެދުނު އެ ކެމްޕޭން ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު ޝަރީފް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ސާފުކޮށް ބޭއްވުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި އެކަމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ މިފަދަ އިތުރު ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ބޭއްވުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ސަޅި ހުޅުލެ" ގެ ނަމުގައި މުޅި ހުޅުލެ ސާފުކުރުމުގެ ހަރަކާތެއް އެމްއޭސީއެލް އިން މިއަދު ކުރިޔަށް ގެންދިޔަ ހަރަކާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަރީފާއި ބައެއް އިސްވެރިން ބައިވެރިވަނީ. ފޮޓޯ: އެމްއޭސީއެލް

މިހަރަކާތުގައި ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން ވެސް ބައިވެރިވެފައިވެ އެވެ.

މިއަދު ހެދުނު 8:00 އިން މެންދުރު 12:00 އަށް ކުރިއަށްގެންދާ މި ހަރަކާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި ކުންފުނީގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ޖޯޝާއެކީ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. ހުޅުލޭގެ މައިގަނޑު ނުވަ ދިމާލަކަށް ޓީމްތައް ބަހާލައިގެން ކުރިއަށްގެންދިޔަ މިހަރަކާތުގެ މަގްސަދަކީ މުޅި ހުޅުލެ އެއްކޮށް ސާފުކުރުމެވެ.

ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ސާފުކޮށް ބޭއްވުމަށް އެމްއޭސީއެލް އިން މިފަދަ ހަރަކާތްތައް މީގެ ކުރިން ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.