ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލު އަހުމަދުގެ މައްޗަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސް ރޫމު އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި އިސްމާއީލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އޭނާއާ ހަވާލުކޮށްފައިވާ މަސައްކަތް އިތުރު ފަރާތަކާ ސަބް- ކޮންޓްރެކްޓުކުރުމަށްފަހު، އެ ފަރާތުން އަމިއްލަ ތަކެތީގައި އެ މަސައްކަތް ކުރުމުން ތަކެތީގެ އަގަށްވާ 1.2 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް ނުދީގެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ އިސްމާއީލު ދައްކަވަން ޖެހޭ ފައިސާގެ ތެރެއިން ދެއްވާފައިވަނީ 425،000 ރުފިޔާ ކަމަށެވެ. ބާކީ 856،830 ރުފިޔާ އޭނާ ދެއްވާފައި ނުވާތީ އެ ފައިސާ ހޯދުމަށް އެފަރާތުން ސިވިލް ކޯޓުގައި އެދިފައިވެ އެވެ.

މި މައްސަލާގައި ދައުވާ ރައްދުވާ މެންބަރު އިސްމާއީލަށް ކަމާ ގުޅުން ހުރި ލިޔެކިޔުންތަކާއި މައްސަލައިގެ ޗިޓު އޭނާއަށް ރައްދު ކުރި ނަމަވެސް ދައުވާއިން ދިފާއު ވުމަށް ގާނޫނުގައި ބަޔާން ކުރާ މުއްދަތުގައި އެ ކަމަށް ހުށަހަޅާފައެއް ނުވެ އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން، ދިފާއުވުމަށް އޮންނަ 14 ދުވަހުގެ ތެރޭގައި އެކަމަށް ހުށަނާޅައި އަޑުއެހުމަށް ހާޒިރުނުވާނަމަ "ޣައިރު ހާޒިރުގައި" ކުރެވޭ ހުކުމެއް ގޮތަށް މައްސަލަ ހުށަހެޅި ފަރާތާ އެއްކޮޅަށް ހުކުމް ކުރަން ޖެހޭނެ އެވެ.

ނަމަވެސް ގާނޫނުގައި ބުނެފައިވާ ފަދައިން މައްސަލައަށް ރައްދު ނުދެއްވައި، ދައުވާގެ ދިފާއު ހުށަހެޅުއްވުމަށް އިތުރު ވަގުތު ހޯއްދެވުމަށް ވެސް އިސްމާއީލު އެދިވަޑައިގެންފައިނުވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ނަތީޖާއެއްގެ ގޮތުން ދައުވާކުރި ފަރާތުންވަނީ އެ މައްސަލާގައި އިސްމާއީލުގެ "ޣައިރު ހާޟިރުގައި" ހުކުމްކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފަ އެވެ. ކޯޓުން މައްސަލާގައި ހުކުމްކޮށްފައި ވަނީ ޣައިރު ޙާޟިރުގަ އެވެ.

ސިވިލް ކޯޓުން އިސްމާއީލުގެ ޣައިރު ޙާޟިރުގައި ކުރި ހުކުމުގައި ބުނެފައި ވަނީ ދައުވާކުރި ފަރާތަށް ލިބެން ޖެހޭ 856،830 ރުފިޔާ އޭނާއަށް ރައްދުކުރުމަށް ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ހުކުމްކުރާ ކަމަށެވެ.