މިހާރު މާލެ ސަރަހައްދުގައި ހަލުއިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު މިއީ ރާއްޖެއަށް މިހާތަނަށް އައި ކޮވިޑްގެ އެންމެ ގޯސް ރާޅު ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ކަންބޮޑުވާންޖެހޭ ހާލަތަށް ގޮސްފައިވާތީ ޑރ. ނަޒްލާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ރާޅުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވަދޭން ޖެހިފައިވާ މީހުންގެ އަދަދު އިންތިހާހަށް ގިނަވެފައިވާ ކަމަށެވެ. އަދި ސިއްހީ ނިޒާމަށް މިހާރު ބުރަބޮޑުވެފައިވާ ކަމަށާއި އަދި ބަލި މީހުންނަށް ފަރުވާދޭން ހުރި އެނދުތައް މިހާރު ގާތްގަނޑަކަށް ފުރިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާން ޖެހޭ އަދަދަށް ދަނީ އިތުރުވަމުން. ބާކީ ހުރީ މަދު އެނދުތަކެއް. މިއަދު އަޅުގަނޑުމެންގެ ހާލަތު ވަރަށް ކްރިޓިކަލް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އިއްޔެ އެކަނިވެސް ރާއްޖޭގައި 186 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އިއްޔެގެ ނިޔަލަށް 211 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. އަދި އެކްޓިވް ކޭސްގެ އަދަދު ވަނީ 2،243 އަށް އިތުރުވެފަ އެވެ.

ފާއިތުވި ދެ ހަފުތާގެ ތެރޭގައި ކޮންމެ ދުވަހަކު ރާއްޖެއިން 100 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.