ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ޓީޗަރުންނަށް ރިސްކް އެލަވަންސް ނުވަތަ ހާއްސަ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ "ރައީސްގެ ޖާވާބު" ޕްރޮގްރާމަށް މ. މުލަކު ސްކޫލުގެ ސެން ޓީވަރެއްގެ ގޮތުގައި މަސައްކަތް ކުރާ އައިޝަތު ޝައުފާ (ސޯސަންވިލާ/ މ. މުލައް) ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޝައުފާ ރައީސްއާ ސުވާލުކުރެއްވީ ސްކޫލްތަކަށް ސެން ޓީޗަރުން ލިބުމުގައި ހުރި ދަތިކަމާއި ސެން ޓީޗަރުންނަށް ކުރިން ދެމުންއައި އެލަވަންސް ކަނޑާލާފައިވާތީ އެކަމުގެ ކަންބޮޑުވުމާ ގުޅޭގޮތުންނެވެ.

މި ސުވާލަށް ޖަވާބުދެއްވައި ރައީސް މުއިއްޒު ވިދާޅުވީ ޓީޗަރުން ތަމްރީންކުރުމަކީ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާ މަސައްކަތެއް ކަމަށެވެ. އަދި ޚާއްސަކޮށް ރާއްޖެއަށް މުހިންމު ދާއިރާތަކާއި ޓީޗަރުން ލިބުމުގައި ދަތިވާ ދާއިރާތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރެއިން ހާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން އިތުރުކުރުމުގެ މަސައްކަތަށް އިސްކަން ދީގެން ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަހަރުގެ މެދު ތެރޭގައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައި. އޭގެ ތެއިން ސެން ޓީޗަރުންނަށް ހާއްސަ އިސްކަމެއް ދޭނަން. އޭގެ ކުރިން، މިހާރު ވެސް ސެން ޓީޗަރުން ލިބެންހުރި ވަރު ބަލާ އިތުރުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ މެދު ތެރޭގައި ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ވަނީ ނިންމާފައި. އޭގެ ތެއިން ސެން ޓީޗަރުންނަށް ހާއްސަ އިސްކަމެއް ދޭނަން. އޭގެ ކުރިން، މިހާރު ވެސް ސެން ޓީޗަރުން ލިބެންހުރި ވަރު ބަލާ އިތުރުކޮށްދޭނަން،
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ސެން ޓީޗަރުންގެ މުސާރައިގެ މައްސަލަވެސް ހައްލުކޮށްދެއްވާނެ ކަމަށެވެ. ސެން ޓީޗަރުންގެ ރިސްކް އެލަވަންސް ކަނޑާލާފައިވަނީ ނިމުނު ސަރުކާރުގައި ޕޭ ފްރޭމްވާކްއަށް ގެނައި ބަދަލުގައިކަމަށާއި، އެހެންކަމުން މި މައްސަލައަށް ވެސް ހައްލުގެނެސްދެއްވާއި، ސެން ޓީޗަރުންގެ މުސާރައިގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިދިޔަ ސަރުކާރުގައި އަމަލުކުރަން ފެށި ޕޭ ފްރޭމްވޯކްގެ ސަބަބުން ރިސްކް އެލަވަންސްއަށް ބަދަލު އައީ. ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ނުވަތަ ޚާއްސަ އިނާޔަތެއް ލިބޭނެގޮތް ސަރުކާރުން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވި އެވެ.