ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އަންނަ މަހުގެ 21 އަދި 22 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.

އްޔިތުންގެ މަޖިލިހުގެ އިންތިހާބު އޭޕްރީލް 21 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ދެ ދުވަސް ބަންދު ދުވަހުގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ހަމަޖެއްސެވީ އޭޕްރީލް 21 ވާ އާދިއްތަ ދުވަހަކީ މަޖިލިހުގެ އިންތިހާބުގެ ވޯޓުލުން ބާއްވާ ދުވަސް ކަމަށްވުމާ އެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އީސީން އެދުމުންނެވެ.

އަދި ޖެހިގެން އަންނަ 22 އެޕްރީލް ވާ ހޯމަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ އިންތިހާބުގެ ވޯޓުލުމަށް ފަހުގައި، ވޯޓު ގުނުމާ ނަތީޖާ އިއުލާނުކުރުމާ، އަދި މި ނޫންވެސް އިންތިހާބާ ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް އެ ދުވަހުވެސް ކުރިއަށްދާނެތީ، އިލެކްޝަންސް ކޮމިޝަނުން އެ ދުވަސްވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އެދިފައިވާތީ ކަމުގައި ރައީސް އޮފީހުން ބުންޏެވެ.

މި ފަހަރުގެ އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284،887 މީހުންނަށް ލިބެ އެވެ.