ބިޒްނަސް އިމޭޖް ގްރޫޕް (ބިގް)އަށް 78.5 މިލިއަން ރުފިޔާ ދައްކަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މައްޗަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

ދެހާސް ސޯޅަވަނަ އަހަރު ކޮށްފައިވާ މި ހުކުމަކީ މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ)ގެ ނަމުގައި ދައުލަތުގެ މީޑިއާ ހިންގަމުންދިޔައިރު 2010 ވަނަ އަހަރު ހިނގާފައިވާ މައްސަލައަކާ ގުޅިގެން ކޮށްފައިވާ ހުކުމެކެވެ.

އެމްއެންބީސީން ބިގަށް 78.5 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ 78.5 މިލިއަން ރުފިޔާ ދައްކަން އެމްއެންބީސީގެ މައްޗަށް އޭރު ހުކުމްކުރީ ބިގް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް ދައްކަންޖެހޭ ފަސް މިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް ބުނެ އެވެ.

ޕީއެސްއެމްގެ ގާނޫނީ ވަކީލު އަލީ ރިޒާ ވިދާޅުވީ މި މައްސަލައިގައި ސިވިލް ކޯޓުން 2016 ހުކުމްކުރިއިރު ދައުލަތުގެ މީޑިއާ ހިންގަމުން ދިޔައީ ޕީއެސްއެމްގެ ދަށުން ކަމަށާއި ނަމަވެސް މައްސަލަ ކުރިއަށް ދިޔައިރު ޕީއެސްއެމް ބައިވެރިކޮށްފައި ނުވާ ކަމަށެވެ.

ފަސް މިލިއަން ރުފިޔާ ދައްކަންޖެހޭ މައްސަލައެއްގައި 78 މިލިއަން ރުފިޔާ ދައްކަން އެންގި ހުކުމް 2019 ވަނަ އަހަރު ޕީއެސްއެމްއިން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އެ ކޯޓުން ނިިންމެވީ މުއްދަތު ހަމަވިފަހުން އިސްތިއުނާފަށް ހުށަހެޅިކަމަށް ބުނެ މައްސަލަ ބަލައިނުގަތުމަށެވެ. އަދި ހައިކޯޓުގެ ނިންމުން ޕީއެސްއެމްއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ޕީއެސްއެމްއިން ބިގަށް ފައިސާ ދައްކަން އެންގި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރެވޭނެ ކަމަށް ކަނޑައަޅައި، އެ މައްސަލަ ބަލައިގަތުމަށް ހައިކޯޓަށް އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ނިންމެވުމާއި އެއްގޮތަށް ހައިކޯޓުން މި މައްސަލަ ބެއްލެވުމަށްފަހު މިއަދު އިއްވެވި ހުކުމްގައި ވަނީ ބިޒްނަސް އިމޭޖް ގްރޫޕަށް 78.5 މިލިއަން ރުފިޔާ ދައްކަން ޕީއެސްއެމްގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްފަ އެވެ. އަދި މި މައްސަލަ އަލުން ސިވިލް ކޯޓުން ބެލުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

ހައިކޯޓުގެ ހުކުމްގައި ފާހަގަކުރެއްވި އެންމެ މުހިއްމު ނުކުތާއަކީ އެމްއެންބީސީއަކީ އުވާލާފައިވާ ކުންފުންޏަކަށް ނުވާއިރު، އެ ކުންފުނިން ޒިންމާ އުފުލަންޖެހޭ ކަމެއްގައި ޕީއެސްއެމްއިން ޒިންމާވާން ނުޖެހޭނެކަމެވެ. އެހެންކަމުން އެމްއެންބީސީގެ މައްޗަށް ކޮށްފައިވާ ހުކުމެއް ޕީއެސްއެމްގެ މައްޗަށް ތަންފީޒު ނުކުރެވޭނެ ކަމަށް ހުކުމްގައިވެ އެވެ.

މީގެ އިތުރުން މި މައްސަަލައިގައި ޕީއެސްއެމްގެ މައްޗަށް ހުކުމެއް އިއްވިއިރު، ޝަރުއީ މަރުހަލާގައި ޕީއެސްއެމް ބައިވެރިކޮށްފައި ނުވާކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ސިވިލް ކޯޓުން އަލުން މައްސަލަ ބައްލަވާއިރު، ޕީއެސްއެމް ބައިވެރިކޮށްގެން މައްސަލަ ކުރިއަށްގެންދިއުމަށް ވަނީ ހައިކޯޓުން އިއްވި ހުކުމްގައި ބަޔާންކޮށްފަ އެވެ.

ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާ ދައްކަން ޕީއެސްއެމްގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ބާތިލްކުރި ނަމަވެސް އެ ހުކުމްގައި ބަޔާންކޮށްފައިވާ ފައިސާގެ ތެރެއިން ބައެއް ފައިސާ ވަނީ ނިމިދިޔަ ސަރުކާރުގައި ދޫކޮށްފަ އެވެ. އެގޮތުން 30 މިލިއަން ރުފިޔާ ނިމިދިޔަ ސަރުކާރުގައި ބިގް ކުންފުންޏަށް ދީފައިވެ އެވެ. އެ 30 މިލިޔަން ރުފިޔާ ބިގަށް ދައްކާފައި ވަނީ ޕީސީބީގެ އެންގުމާއި އެއްގޮތަށް ފިނޭންސް މިނިސްޓްރީން ލޯނެއް ނަގައިގެންނެވެ.